ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ކ.ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.
މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިސްވެރިންނާއި، މުއައްޒަފުން އަދި މަރުކަޒުގައި ތިބިފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުނެފައި ވެއެވެ.
06 މާރިޗު 2022 އިން 08 މާރިޗު 2022 އަށް އެޗްއާރްސީއެމް އިން ކުރި މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމެވެ.
މީގެ އިތުރުން މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާއި މުވައްޒަފުންގެ ޢާއްމު ޙާލަތު ދެނެގަތުން ކަމަށް އެޗްއާރްސީއެމް އިން ހާމަކުރެއެވެ.
އެ މޮނިޓަރިންގ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ އަވަސް ކަރުދާހެއް ތައްޔާރުކޮށް ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ޙިއްސާކޮށް އެ ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނުން ފާސްވުމަށްފަހު ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ހިއްސާކުރުމަށްވަނީ ހަމަޖެހިފައި ކަމަށް އެޗްއާރްސީއެމުން ހާމަކުރެއެވެ.
އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު ބައްދަލުވުމެއް ބާއްވާ ރިޕޯޓުގެ ހުށައެޅުންތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށް ލިޔުމުން ޤަވާއިދުން ފޮލޯ-އަޕް ހެދުމަށްވަނީ ހަމަޖެހިފައެވެ.
އެޗްއާރްސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2008 ވަނަ އަހަރުން ފެށިގެން ޤަވާއިދުން ކޮންމެ އަހަރަކު ޒިޔާރަތްކޮށް، ޖުމްލަ 14 ޒިޔާރަތެއް މިހާތަނަށްކޮށްފައި ވެއެވެ.
އެގޮތުން އެންމެފަހުން ޒިޔާރަތް ކޮށްފައިވަނީ 2021 ވަނަ އަހަރުގައި ކޮށްފައިވާ ފޮލޯއަޕް ޒިޔާރަތެކެވެ. 2021 ވަނަ އަހަރު ކުރި ފޮލޯއަޕް ޒިޔާރަތުގެ ރިޕޯޓް، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ 2021 އެޕްރީލް 26 ވަނަ ދުވަހު ވަނީ ޙިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް