އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޓީވީ ސްޓޭޝަަކާއި ނޫސްވެރިއަކު ޖޫރިމަނާކޮށްފި އެވެ.
ރޭޕްގެ މައްސަލައަކާ ގުޅޭ ހަބަރެއް ގެނެސްދިން އިރު މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ 200،000 ރުފިޔާއިންނެވެ. އެ ހަބަރު ލިޔުނު އެ ސްޓޭޝަންގެ ނޫސްވެރިޔާ އާލާ އިބްރާހިމް ޖޫރިމަނާކޮށްފައި ވަނީ، 50،000ރ. އިންނެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަނުގެ ވެބްސައިޓުގައި އާއްމު ކުރި ބަޔާނެއްގައި ބުނީ މި ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑާއި އާލާ އިބްރާހީމް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ނިންމީ މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
ރާއްޖެ ޓީވީން ގެނެސްދީފައިވާ އެ ހަބަރުގައި، މިދިޔަ ނޮވެމްބަރު މަހު 16ގައި އައްޑޫ ސިޓީ ހިތަދޫގައި ހިނގި ރޭޕް ކުރުމުގެ މައްސަލައެއްގައި ހިމެނޭ މީހެއްގެ އާއިލާ މެމްބަރެއް ކަމަށްވާ ފަސާހަތު ހުސެއިންގެ ނަން ގެނެސްދިނީ އޭނާގެ ބަހެއް ނެތި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ. އެ ކޮމިޝަނުން ބުނީ އޭނާ އަކީ ސޯޝަލް ވޯކަރަކަށްވެފައި ވަރަށް ގިނަ އާއިލާތަކާ އެކު މަސައްކަތް ކުރަން ޖެހޭ މީހަކަށްވާއިރު، ރާއްޖެ ޓީވީގެ ހަބަރު ގެނެސްދިނީ އޭނާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ކަމަށެވެ.
މިހާރު އަމަލު ކުރަމުން ދާ އަބުރުގެ ގާނޫނަށް އަމަލު ކުރަން ފެށީ އޯގަސްޓް 11 ، 2016 ގައި އެވެ.
އެ ގާނޫނުގައި ބުނެފައިވަނީ މީހެއްގެ ހައްގަށް، ނަމަށް، އަބުރަށް، ގަދަރަށް ނުވަތަ ކަރާމާތަށް އުނިކަމެއް ނޫނީ ގެއްލުން ލިބޭ އަދި ސާބިތު ނުހިފޭ ދޮގު ވާހަކައެއް، އެއްވެސް ހަބަރު ފަތުރާ ވަސީލަތަކުން ދައްކައިފި ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގައި ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އެފަދަ ކޮންޓެއްޓެއް ޝާއިއު ކުރި ވަކިވަކި ރިޕޯޓަރުންނަށް 50،000 ރުފިޔާއާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދެއްގައި ޖޫރިމަނާ ކުރެވޭނެ އެވެ. އާންމު ފަރާތެއް މީހެއްގެ އަބުރަށް އަރައިގަނެފި ނަމަ 25،000 އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކަށްވެސް ޖޫރިމަނާ ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް