އެމްޑީޕީގެ ހަރުގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި

އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިންގަމުން އަންނަ އެ ޕާޓީގެ ހަރުގެއެއް ކަމުގައިވާ "މަތިހަމަގެ" އަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެނ...

07 Mar 2017 | 13:39

އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ހިންގަމުން އަންނަ އެ ޕާޓީގެ ހަރުގެއެއް ކަމުގައިވާ "މަތިހަމަގެ" އަށް ކޯޓު އަމުރަކާއެކު ފުލުހުން ވަދެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފި އެވެ.

އެ ސަރަހައްދު ކޯޑަން ކޮށް މިހާރުވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ފުލުހުން އެ ހަރުގެ ބަލައި ފާސްކުރަން ފަށާފައިވަނީ މިއަދު ހަވީރު 5:30 ހާއިރުގަ އެވެ.

ހަރުގެ ބަލައި ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައި ބުނެފައިވަނީ ބޭރު ގައުމުތަކުގެ އެކި ވެރީންނާއި އިއްޒަތްތެރީން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެ ގައުމުތަކުގެ، ސިޔާދަތާއި، ޒިޔާރަތްކުރާ އިއްޒަތްތެރީންގެ ޝަރަފާއި ގަދަރަށް އުނިކަން ލިބޭފަދަ އަމަލުތަކެއް ހިންގުމަށް ރާވާ ކަމުގެ ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި އެ މައްސަލައިގާ ހަރުގޭގައި ހަދަމުންދިޔަ ބެނާތަކާއި އެކަމާއި ގުޅުންހުރި އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވާކަމުގައިވެސް އެ ކޯޓު އަމުރުގައި ވެ އެވެ.

ބަލައި ފާސްކުރުމަށްފަހު ފުލުހުން ގެންދިޔަ ބައެއް ތަކެތީގެ ތެރޭގައި ކަރުދާސް ބައެއް ކޮތަޅާއި 19 ރޯލުގެ ރީނދޫ ފޮތި ހިމެނޭކަމަށް މައުލޫމާތު ލިބެ އެވެ. އަދި ގިނަ އަދަދެއްގެ ބެނާތައް ގެންދިޔަ ކަމުގައިވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް