ބޮލީވުޑްގެ ފިލްމުތައް ބަލަން ޝައުގުވެރިވާ ފަރާތްތައް ވަކިން ޚާއްސަކޮށް ޝާހުރުކް ޚާން އާއި އާމިރު ޚާންގެ ސަޕޯޓަރުން މިދެތަރިން އެއްކޮށް ސްކްރީނުން ފެނިގެންދިޔުމަށް ބޭނުންވާނެކަމަކީ ޔަޤީންކަމެކެވެ. މިކަމަކީ މިހާރުވެސް އެތައް ބަޔެއް އިންތިޒާރު ކުރަމުންދާކަމެކެވެ. ފިލްމަކުންވިޔަސް އިޝްތިހާރަކުންވިޔަސް މިދެތަރިން އެއްކޮށް ފެނިގެންދިޔުމަކީ ގިނަ ބަޔަކު އުންމީދުކުރާކަމެކެވެ. މިއިންތިޒާރަށް ނިމުން އަންނަން އުޅޭކަމުގެ ފެހި ސިގްނަލް މިހާރު މިވަނީ ލިބިފައެވެ. މިދެތަރިން އެއްކޮށް ފެނިގެންދާނީ ފިލްމަކުންނެއް ނޫނެވެ. ނަމަވެސް ޕްރޮޖެކްޓެއްގައި ފުރަތަމަ ފަހަރަށް ދެތަރިން އެއްކޮށް މަސައްކަތްކުރުމަށް އެބަ ތައްޔާރުވެއެވެ.
ސްޓަރ ޕްލަސް އިން މިހާރު ދައްކަންފަށާފައިވާ "ނެޔީ ސޯޗް" ކެމްޕެއިންގެ އިޝްތިހާރުން ބެލުންތެރިންނަށް އާމިރް ޚާން ފެނިގެންދާނެއެވެ. މިއިޝްތިހާރަށް ގިނަ ބަޔެއްގެ ލޯ އަމާޒުވެފައިވާއިރު މިކެމްޕެއިން ކާމިޔާބު ކަމާއެކު ކުރިޔަށްގެންދިޔުމަށް ސްޓަރ ޕްލަސްއިންވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޓީވީ ކެމްޕެއިން " ނެޔީ ސޯޗް " ގައި މިދެތަރިން އެއްކޮށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ކެމްޕެއިންގެ އިޝްތިހާރުން އާމިރު ޚާން ފެނިގެންގޮސްފައިވާއިރު ޓެޑް ޓޯކްސް ގެ އިންޑިޔަން ވާރޝަން " ޓެޑް ޓޯކްސް: ނެޔީ ސޯޗް " ހުށަހަޅައިދޭނީ ޝާހުރުކް ޚާން އެވެ.
މިފަދަ ގޮތަކަށް ނަމަވެސް މިދެތަރިން އެއްކޮށް މަސައްކަތްކުރާކުރުމަކީ މިދެތަރިންގެ ސަޕޯޓަރުންނަށް އޮތް އުފާވެރި ޚަބަރެއްތާއެވެ. އަނެއްކޮޅުން ބަލާއިރު މިދެތަރިން އެއްކޮށް 25 އަހަރު ފަހުން މިވަނީ ފުރަތަމަ ފަހަރަށް ސެލްފީއެއްވެސް ނަގާފައެވެ. ދާދިފަހުން ޝާހުރުކް ޚާން ވަނީ މި ތާރީޚީ ސެލްފީ ޝެއަރ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް