މިދުވަސްވަރު އެންމެ އަޑުގަދަކޮށް ދެކެވޭ ފ. އަތޮޅު ވިއްކާލުން ނުވަތަ ބިދޭސީންނަށް ދިވެހި ބިންތައް މިލްކު ކޮށްދިނުމާއި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވައިގެން ހުންނެވި ޕީޕީއެމްގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ދެކޮޅު ހައްދަވައިފި އެވެ.
އަމީތު ވަނީ އެކަމާ ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް ރޭ ޓުވީޓެއް ކުރައްވާފައި އެވެ.
އެ ޓުވީޓުގައި ވިދާޅުވެފައިވަނީ ލިބިދާނެ މާލީ ފައިދާއަކަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލު ގުރުބާންވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"ލިބިދާނެ މާލީ ފައިދާއަކަށް، ގައުމުގެ އިސްތިގުލާލު ގުރުބާން ވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ،" އަމީތު ވިދާޅުވެފައިވެ އެވެ.
ޕީޕީއެމް ދެފަޅި ރައީސް ޔާމީނާއި މައުމޫންގެ ފެކްޝަން އުފެދުމުން އަމީތު އެއްވެސް ފަޅިއަކަށް ތާއީދު ކުރާކަން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވާ ވާހަކަދައްކަވާފަ އެއްވެސް ނުވެ އެވެ.
އެކަމަކު އެ ދުވަސްވަރު ހިމޭނުން ހުންނެވުމަށް ފަހު، ފަހުން ވަނީ ރައީސް ޔާމީން ބާއްވާ ބައްދަލުވުންތަކުންނާއި އެ ފެކްޝަންގެ ރަސްމިއްޔާތުތަކުން ފެނިފައި އެވެ.
އިދިކޮޅު ފަރާތްތަކުން ގެންދަނީ ހުއްޓުމެއް ނެތި ފ. އަތޮޅު ސައުދީ ރަސްގެފާނަށް ސަރުކާރުން ވިއްކާލަން އުޅޭކަމަށް ބުނަމުންނެވެ. އޭގެ ރައްދުގައި ރައީސް ޔާމީން ވިދާޅުވީ އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި، އެ އަތޮޅުގައި ހިންގަން އުޅެނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.
އެކަމަކު އަމީތުގެ މި ޓުވީޓާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުން އައި ތުހުމަތީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ކަން ވަނީ ނުސީދާކޮށް ޔަގީންވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް