އިމްރާން ހާން ޑައިރެކްޓަރަކަށް ވަނީ

ބޮލީވުޑްގެ އެކްޓަރު އިމްރާން ހާން ފިލްމު ޑައިރެކްޓް ކުރުމަށް ތައްޔާރުވެއްޖެއެވެ. އެންމެ ފަހުން ފިލްމަކުން އިމްރާން ފެނިފައިވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި " ކައްޓީ ބައްޓީ" ން ނެވެ. އޭގެ ފަހުން އޭނާގ...

07 Mar 2017 | 02:35

ބޮލީވުޑްގެ އެކްޓަރު އިމްރާން ހާން ފިލްމު ޑައިރެކްޓް ކުރުމަށް ތައްޔާރުވެއްޖެއެވެ.

އެންމެ ފަހުން ފިލްމަކުން އިމްރާން ފެނިފައިވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި " ކައްޓީ ބައްޓީ" ން ނެވެ. އޭގެ ފަހުން އޭނާގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފައި ނުވާއިރު ދެން އިވިގެން މިދިޔައީ އިމްރާން ފިލްމެއް ޑައިރެކްޓް ކުރުމަށް ތައްޔާރުވަމުންދާ ވާހަކައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިމްރާން ހާން މިހާރު އަންނަނީ އޭނާގެ ޒަމާންވީ ރަހުމަތްތެރިޔެއްކަމަށްވާ އަޔިޝާ ދެވްތަރް އާއެކު ސްކްރިޕްޓެއް ލިޔަމުންނެވެ. އަޔިޝާ ދެވްތަރް އަކީ މީގެކުރިން ނިކުމެފައިވާ ފިލްމުތައްކަމަށްވާ " ކަޕޫރް އެންޑް ސަން " އާއި " އޭކް މެއި އޯ އޭކް ތޫ" ގެ ސްކްރިޕްޓްވެސް ލިޔެފައިވާ ފަރާތެކެވެ.

އިމްރާންގެ ގާތް ފަރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ސްކްރިޕްޓް މިހާރު ދަނީ ލިޔެވެމުންނެވެ. އަދި މިކަމާ އިމްރާން ހުރީ ވަރަށް ބޮޑަށް އުފާވެފައިކަމަށްވެއެވެ. މިދުވަސްވަރު އިމްރާންގެ ހުރިހާވެސް ވަގުތެއް ހުރީ ގިނަބަޔެއްގެ ދިރިއުޅުން ދައްކުވައިދޭގޮތަށް ލިޔެވެމުންމިދާ ސްކްރިޕްޓަށް ކަމަށްވެއެވެ.

މިފިލްމުން އިމްރާން ހާން ފެނިގެންނުދާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެއީ އޭނާގެ ހުރިހާ ވަގުތަކާއި ވިސްނުމެއް މިފިލްމު ޑައިރެކްޓް ކުރުމުގައި ބެހެއްޓުމަށްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިފިލްމުގެ ކާސްޓް ނަގާނީ އަދި ސްކްރިޕްޓް ލިޔެ ނިންމުމަށްފަހު ކަމަށާއި މިއަހަރުތެރޭގައި މިފިލްމުގެ ޝޫޓިން ނުފެށޭނެކަމަށް ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިމްރާން ހާންގެ އެންމެ ފަހުގެ ފިލްމު " ކައްޓީ ބައްޓީ " ފްލޮޕް ވުމަށްފަހު އިމްރާން އަނބުރާ ފިލްމީ ދާއިރާއަށް ނިކުތުމަށް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އިމްރާންގެ ބޭބެ އާމިރް ހާންގެ އެހީތެރިކަމަށް އޭނާ އެކިފަހަރުމަތިން އެދިފައިވާކަމަށް ވެއެވެ. އެހެންނަމަވެސް އާމިރް ހާން އެ ފުރުސަތު އިމްރާން އަށް ނުދެނީކަމަށްވެއެވެ.

ކޮންމެއަކަސް އެންމެ ފަހުން އިމްރާން ޚާން މިވަނީ ފިލްމު ޑައިރެކްޓްކުރުމަށް ތައްޔާރުވެފައެވެ. މިކަން ވާގޮތް ދެން ބަލަން ތިބެމާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް