ދީނާއި ގައުމީ ރޫހު ދިރުވުމުގެ މަޝްރޫއު "ތަރިކަ" ރަސްމީކޮށް ފަށައިފި

ދީނާއި ގައުމީ ރޫހު އާލާކޮށް ދިރުވުމަށް ސަރުކާރުން އިސްނަގައިގެން ފަށަން ނިންމާފައިވާ މަޝްރޫއު "ތަރިކަ" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް ފ...

07 Mar 2017 | 02:24

ދީނާއި ގައުމީ ރޫހު އާލާކޮށް ދިރުވުމަށް ސަރުކާރުން އިސްނަގައިގެން ފަށަން ނިންމާފައިވާ މަޝްރޫއު "ތަރިކަ" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ދަރުބާރުގޭގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ. މި މަޝްރޫއުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދީނާއި ޤައުމިއްޔަތު، ދިވެހީންގެ ނާރެސް"އެވެ.

މި މަޝްރޫއު އަކީ ހަރުދަނާ ޖީލެއް ބިނާކުރަން، ކުރަން ޖެހޭ މަސައްކަތް އެ މަޝްރޫއުގެ ތެރޭގައި ދެނެގަނެ، އެކަންކަން ކުރިއަރުވަން މަސައްކަތް ކުރުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ މަޝްރޫއު އެކެެވެ. މި މަޝްރޫއު ކުރިޔަށް ގެންދާނެ ކަން ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައި އެވެ.

ރޭ ފެށި މަޝްރޫއު ބޮޑަށް އަމާޒުކުރާނީ ސްކޫލް ކުދިންނަށާއި ޒުވާނުންނަށެވެ. އެގޮތުން އެ އުމުރުފުރާތަކުގެ ކުދިންނަށް އަމާޒުކޮށްގެން މަޝްވަރާތަކާއި ޕޯސްޓަރު ކުރެހުމާއި މަޒުމޫން ލިއުމުގެ މުބާާރާތާއި ތަމްސީލް ކުޅުން ފަދަ ކަންކަން ކުރިޔަށް ގެންދާނެ އެވެ.

ތައުލީމާ  ބެހޭ ހުރިހާ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދާނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި ދީނީ ޕްރޮގްރާމްތައް ކުރިޔަށް ގެންދާނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިއުމަށް ރައީސް ޔާމީން ވަނީ ކޮމީޓީއެއް އެކުލަވާލައްވާފައި އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވަނީ

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒިޔާދު ބާގިރު

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު

ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާމަން ނިޝާން ޢިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުއްރަޝީދު ހުސައިން

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު

ޕީއެސްއެމްގެ ޗެއާމަން އިބްރާހީމް އުމަރުމަނިކު އަދި

ޕީއެސްއެމްގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ހަލީލްގެ އިތުރުން ހެންވޭރު ފަތަނގުމާގޭ އަބްދުﷲ ފާރޫގު ހަސަނެވެ.

ރޭގެ ރަސްމިއްޔާތުގައި ކޮމިޓީގެ މެންބަރު، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިސްލާމީ ހަލާރަތާއި ބެހޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް