ޣައްޒާއިން ފަލަޞްޠީނުގެ ރައްޔިތުން ނެރެން ކުރާ މަސައްކަތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ޣައްޒާގެ ބިމުން ފަލަޞްޠީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ސަރުކާރުން އެކަން ކުށްވެރިކޮށްފައިވަނީ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. ފަލަސް...

07 Feb 2025 | 07:26

ޣައްޒާގެ ބިމުން ފަލަޞްޠީނުގެ ރައްޔިތުން ނެރުމަށް ކުރާ މަސައްކަތް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުން އެކަން ކުށްވެރިކޮށްފައިވަނީ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން ތަކުރާރުކުރަމުން ޚާރިޖީ ވުޒާރާއިން ނެރުނު އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދު ތަކުރާރުކޮށް އެކަމަށް ގޮވާލާކަމަށެވެ. އަދި އދ.ގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ވެސް ތަކުރާރުކުރާކަމަށެވެ.

"ފަލަސްޠީނުގެ ބިންތަކުގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އާބާދީތައް ޤާއިމުކުރުމާއި ފަލަސްޠީނުގެ ބިންތައް ހިފުމާއި ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ނެރުމަށް ކުރާ އެންމެހާ މަސައްކަތްތައް ދިވެހިރާއްޖެއިން ކުށްވެރިކުރަން" ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަށް ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ގޮވާލާކަމަށާއި އަދި މި މައްސަލައަށް ދާއިމީ ނިމުމެއް އަންނާނީ ޞުލްޙައިގެ މަޝްވަރާގެތެރެއިން މިނިވަން ދެ ދައުލަތް ޤާއިމުކުރެވިގެންކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް