7 ފެބްރުއަރީ އަށްފަހު ޖެހިގެންއައި 8 ފެބްރުއަރީގައި ހަތިޔާރު އެޅި ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ރައްޔިތުން ގައިގާ ތަޅައި އަނިޔާވެރިވެފައިވަނީ އިންތިހާ ދަރަޖައަށްކަން ކަންބޮޑުވުމާއެކު މިއަދު ވެސް ފާހަގަކުރާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
7 ފެބްރުއަރީ 2012 ގެ ބަގާވާތަށް 12 އަހަރު ފުރޭ ހިތާމަވެރި ދުވަސް ފާހަގަކުރުމުގެ ގޮތުން ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމާއި މުޅި ގައުމު ފަހަތަށް ދިއަ ދިއުމުން މިއަދާ ހަމައަށް ވެސް އަރައި ނުގަނެވި ފޫނުބެއްދޭ ކަމަށެވެ.
ޑިމޮކްރެޓްސް އިން ބުނީ ރާއްޖޭގެ އިސްލާހީ ހަރަކާތްތެރިންނާއި ރައްޔިތުންގެ ބުރަ މަސައްކަތާއި ލިބުނު ގިނަގުނަ އަނިޔާތަކުގެ ތެރެއިން ގެނެވުނު ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރި ފުރަތަމަ ޑިމޮކްރެޓިކް ރައީސުލްޖުމްހޫރިއްޔާ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބަގާވާތްކޮށް ވެރިކަން މަގުމަތިން ވައްޓައިލާފައިވަނީ އެއިރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ގުޅިގެން ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޑިމޮކްރެސީ ހަޔާތުގައި ދިމާވި އެންމެ ގެއްލުން ބޮޑު ކަޅު ދުވަސް ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ވެރިކަން ވައްޓައިލުމަށް ހިންގި ބަގާވާތަށް މިއަދު 12 އަހަރު ފުރޭއިރު، އެ ބަގާވާތް އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް