ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުން ގޯތި ދިނުމުގައި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާކަމުގެ މައްސަލަތަކެއް ވެސް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އޭސީސީން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމުގައި ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ މައްސަލަތަކެއްވެސް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަތައް ވެސް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަވާ ކަންކަންވެސް ކޮމިޓީން އެދޭނަމަ ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވީ އެ ތަފްސީލުތައް ނުލާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ދޫކުރުމުގެ މަސައްކަތް އޭސީސީން ހުއްޓުވިއިރު، ބިންވެރިޔާ ސްކީމްގެ މަސައްކަތްތައް ނުހުއްޓުވީ ޕްރިލިމިނަރީ ތަހުގީގުން އެވަރުގެ މައްސަލަތަކެއް ފާހަގަވެފައި ނުވާތީ ކަމަށް އޭސީސީން ބުންޏެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.
ގޯތި އަދި ފްލެޓް ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ ގޯއްޗާއި ފްލެޓް ހަވާލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ކުރިއަށްދާނެ ކަމެއް ކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް