ޗީފް އޮފް ޑިފެންސް ފޯސް ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރާވަޑައިގެންފި

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ. އެމްއެންޑީއެފް އިން ބުނީ ސްރީލަންކާގެ ޑިފެންސް ސާރވިސަ...

07 Feb 2024 | 16:01

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފް އިން ބުނީ ސްރީލަންކާގެ ޑިފެންސް ސާރވިސަސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖުގެ ޝަރަފުވެރި ގްރެޖުއޭޓެއް ކަމުގައިވާ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ސްރީލަންކާއަށް ފުރާވަޑައިގެންފައިވަނީ، އެ ކޮލެޖުގެ ކޮމަޑާންޓް، މޭޖަރ ޖެނެރަލް ލަސަންތާ ރޮޑްރިގޯގެ ދައުވަތަކަށް ކަމަށެވެ. މި ދަތުރުފުޅުގައި، އެމަނިކުފާނުގެ ލީޑަރޝިޕާއި ދިފާޢީ ދާއިރާއަށް ކޮށްދެއްވަމުންގެންދަވާ ނަމޫނާ ޚިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން، އެމަނިކުފާނުގެ ޝަރަފުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި، ސްރީލަންކާގެ އަސްކަރީ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި، ދިފާޢީ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އަދި، ދެ ޤައުމުގެ މަސްލަހަތު ހުރި އެކި ދާއިރާތަކާއި، އިސްތިރާޖީ ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ސިފައިންގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި ސްރީލަންކާގެ އަސްކަރިއްޔާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދިފާޢީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުމާއި ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް