ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓް ޝަރުތުހަމަވާ ފަރާތްތަކަށް ހަވާލުކުރެވޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދޭންޖެހޭ ތަފްސީލުތައް ދިނުމުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީން އެކްސްގައި އާއްމުކުރި ވީޑިއޯއެއްގައި މިނިސްޓަރ ވިދާޅުވީ އޭސީސީއާ ބައްދަލުކޮށް، އެ ކޮމިޝަނުން ފްލެޓްތަކާ ގުޅޭ ގޮތުން ހިންގި ތަހުގީގާ ގުޅޭ ރިޕޯޓު މިނިސްޓްރީއާ ހިއްސާކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭގެ އެއްވެސް ތަފްސީލެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޝަރުތުހަމަވާ އެންމެންނަށް ވީހާވެސް އަވަހަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ބޭނުންވާ ނަމަވެސް އެ މަސައްކަތް ކުރެވޭނީ އޭސީސީން ލިބެންޖެހޭ ތަފްސީލުތައް ލިބުމުން ކަމަށެވެ.
އޭސީސީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތަހުގީގުގައި 4,048 ފޯމު ބަލާފައިވާކަމަށާއި އޭގެ ތެރެއިން %59.6 ފޯމު ޝަރުތުހަމަނުވާކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވެފައިވަނީ %20.7 ފޯމު ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ފޯމުގައި ދީފައިވާ މައުލޫމާތު ފުށުއެރުމާއި، ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުންތައް ހުށަހެޅުމާއި، ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ޚިލާފަށް ޕޮއިންޓްދިނުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، ފަސޭހައިން ހޯދެން ހުރި މައުލޫމާތުވެސް ނުހޯދައި ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް އޭސީސީން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގައި 3 ކޮޓަރީގެ 2,712 އެޕާޓްމަންޓާއި 2 ކޮޓަރީގެ 1,188 އެޕާޓްމަންޓް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް