ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 7,350 މީހުން ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރީ-ރަޖިސްޓްރީއަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން މިހާތަނަށް 6,465 މީހުން ރީ-ރަޖިސްޓަރ ކޮށްދީފައިވާކަމަށެވެ.
ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 855 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށެވެ.
ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވާނެއެވެ. ރީ-ރަޖިސްޓްރޭޝަން ކުރުމަށް ހުށަހެޅުމުގެ ކުރިން މިހާރު ރަޖިސްޓްރީ ވެފައިވާ ތަން ޗެކްކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރީ-ރެޖިސްޓަރ ކުރެވޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށެވެ. ރަށްވެހިވެފައިވާ ތަން ނޫން އެހެންތަކަށް ރަޖިސްޓަރީ ވުމަށް އެދި ހުށައެޅޭނީ އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީގެ ކައުންސިލް އަދި އަވަށު އޮފީސްތަކުން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 20,848 މީހުން ވަނީ ރީ-ރަޖިސްޓަރ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް