މަޖިލީހުގައި ނަން އިއްވި މެމްބަރުން ނެރުމުގަ ހަރަކާތްތެރިވީ ސިފައިންނެތް ނޫން: އެމްއެންޑީއެފް

އިއްޔެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ނަން އިއްވި މެމްބަރު މަޖިލީހުން ނެރުމުގައި ސިފައިން ހަރަކާތްތެރިވެފައި ނުވާނެ ކަމަށް އެމްއެންޑީއެފުން...

07 Feb 2023 | 06:33

އިއްޔެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ނަން އިއްވި މެމްބަރު މަޖިލީހުން ނެރުމުގައި ސިފައިން ހަރަކާތްތެރިވެފައި ނުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އިއްޔެ ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅައި މަޖިލީހުގައި އަޑުގަފަ ކުރީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ މެމްބަރުންނެވެ. އެ މެމްބަރުން މަޖިލީހުން ނެރުނީ ނަން އިއްވުމަށް ފަހު ތަޅުމުން މެމްބަރުން ނެރެންދެން ޖަލްސާ މެދުކަނޑާލައިގެންނެވެ.

މެމްބަރުން ނެރުމުގައި އަމަލު ކުރި ގޮތާއި މެދު ގިނަ ބައެއްގެ ނުރުހުން އަމާޒުވީ ފިރިހެން މެމްބަރުން ތަޅުމުން ނެރެން އަންހެން ދެ ސެކިއުރިޓީން ފުރަތަމަ ހަރަކާތްތެރިވުމުންނެވެ. މެމްބަރުންގެ ގަދަ ހެދުންތަކާއި ހެދި އަންހެން ސެކިއުރިޓީންނަށް ނުނެރެވިގެން އެންމެ ފަހުން އެ މެމްބަރުން ނެރުނީ ފިރިހެން ސެކިއުރިޓީން ވަދެގެންނެވެ.

މި މައްސަލައިގަ ގިނަ ބަޔަކު ވަނީ އެ މަސައްކަތުގައި ހަރަކާތްތެރިވީ ސިފައިން ކަމަށް ބުނެފައި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތަޅުމުން މެމްބަރުން ނެރުމުގައި ގައުމީ ދިފާއީ ބާރުން ހަރަކާތްތެރި ނުވާ ކަމަށެވެ. އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީންކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ގިނަ ބަޔަކު އިއްޔެ މަޖިލީހުގައި ހިނގި އެކަން ސިފަ ކުރީ އަންހެން ސެކިއުރިޓީންނަށް ކުރި ފުރައްސާރައެއްގެ ގޮތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް