އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހިންގި މާރާމާރީ ސީރިއަސްކޮށް ބަލާނެ: މަހްލޫފު

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ސީރިއަސްކޮށް ބަލަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ގޮވާލައްވައިފި އެވެ. ސެމީ...

07 Feb 2023 | 05:41

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު ރެފްރީއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ސީރިއަސްކޮށް ބަލަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ގޮވާލައްވައިފި އެވެ.

ސެމީ ފައިނަލްގެ އެ މެޗުގައި ބައްދަލު ކުރީ ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލެވެ. މެޗުން ކަލާފާނު ސްކޫލް މޮޅުވީ1-2 ންނެވެ.

މެޗަށް ފަހު ރެފްރީގެ ނިންމުންތަކާއި ހިތްހަމަ ނުޖެހިގެން ހަމަލާ ދިނީ ގުރައިދޫ ކުޅުންތެރިންނާއި، އޮފިޝަލުންގެ އިތުރުން މެޗު ބަލަން ތިބި ިބެލެނިވެރިންނެވެ. އެމީހުންގެ ހަމަލާތަކުން ސަލާމަތްވެގެން ރެފްރީއަށް ރޫމަށް ވަދެވުނީ ދަނޑަށް އެރި އެހެން ބައެއްގެ އެހީތެރިކަމާއި އެކު އެވެ.

މި މައްސަލައިގަ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޓަ ސްކޫލް މުބާރާތެއްގެ ތެރެއިން ރެފްރީގެ ނިންމުމަކާހެދި މިފަދަ ކަމެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށްވަނީ ނަފްސާނީގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ މި މައްސަލަ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

https://twitter.com/AhmedMahloof/status/1622659246172299264

އެފްއޭއެމްއިން މީޑިއާގައި ބުނީ މެޗުގައި ނިންމާ ނިންމުންތަކާއި ގުޅިގެން ރެފްރީއަށް ހަމަލާ ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި ހާއްސަކޮށް އިންޓަ ސްކޫލް މުބާރާތެއްގައި އެކަން ފެނިގެން ނުވާނެ ކަމަށެވެ. އެ މައްސަލަ ސީރިއަސްކޮށް ބަލައި ހަރުކަށި ފިޔަވަޅު އެކަން ކުރި މީހުންނަށް އަޅާނެ ކަމަށް ބުނެފައިވެ އެވެ.

އެ މުބާރާތަކީ އެފްއޭއެމްއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މައްސަލައިގަ އެޑިއުކޭޝަނުން އަދި އެއްޗެސް ނުބުނެ އެވެ.

މި ހާދިސާއަށް ފަހު ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗު ކުޅުނީ ދަނޑު ވަށައިގެން ފުލުހުން ސެކިއުރިޓީ ވަރުގަދަކޮށްގެންނެވެ. އެ މެޗުގައި ބައްދަލު ކުރީ ރެހެންދި ސްކޫލާއި އިމާދުުއްދީން ސްކޫލެވެ. މެޗުން1-4 ން މޮޅުވެ ފައިނަލަށް ދިޔައީ ރެހެންދި ސްކޫލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް