ތުރުކީ ސޫރިޔާ ބިންހެލުން: މަރުވި އަދަދު ތިން ހާހުން މައްޗަށް – އެންމެ ބޮޑު ގޮންޖެހުމަކީ ގަދަ ފިނި

ތުރުކީއަށް އިއްޔެ އައި ބާރުގަދަ ބިންހެލުންތަކުގައި އެ ގައުމާއި އަދި އެ ގައުމާއި އިންވެ އޮންނަ ސޫރިޔާއިން މަރުވި މީހުންގެ އަދަދު ތިން ހާހުން މައްޗަށް ގޮސްފިއެވެ. ރަސްމީ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށ...

07 Feb 2023 | 01:47

ތުރުކީއަށް އިއްޔެ އައި ބާރުގަދަ ބިންހެލުންތަކުގައި އެ ގައުމާއި އަދި އެ ގައުމާއި އިންވެ އޮންނަ ސޫރިޔާއިން މަރުވި މީހުންގެ އަދަދު ތިން ހާހުން މައްޗަށް ގޮސްފިއެވެ.

ރަސްމީ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު ތުރުކީން 2،316 މީހަކު ސޫރިޔާއިން 1،444 މީހަކު މަރުވެފައިވާކަން ދެ ގައުމުން ހާމަކޮށްފައިވެއެވެ.

އިއްޔެގެ ފަތިހުގެ ވަގުތެއްގައި ތުރުކީގެ ގާޒިއަންޓެޕް ސަރަހައްދަށް އެންމެ ފުރަތަމަ އައި ބިންހެލުމުގެ ބާރުމިނަކީ 7.8 މެގްނިޓިއުޑެވެ. އެ ބިންހެލުމުގެ އަސަރުގައި ތުރުކީގެ އިރު ދެކުނު ސަރަހައްދާއި ސޫރިޔާގެ އިރު އުތުރު ސަރަހައްދުން ގިނަ އިމާރާތްތަކެއް ބިމާއި ހަމަވިއެވެ. އަދި މެންދުރެއްހާއިރު އައި ދެވަނަ ބިންހެލުމުގައި އިތުރު ގިނަ އިމާރާތްތަކެއް ބިމާއި ހަމަވެގެންދިޔައެވެ. ދެވަނަ ބިންހެލުމުގެ ބާރުމިނަކީ 7.6 ކަމުގައި ބުނެފައިވެއެވެ. މި ދެ ބިންހެލުމުގެ އިތުރުން ރެކްޓަރ މިންގަނޑުން 4 އަކަށްވުރެ ބާރުމިނުގެ 20 އަށްވުރެ ލޮޅުން (އާފްޓަރ ޝޮކްސް) އެ ސަރަހައްދަށް އައިސްފައިވެއެވެ.

ދެ ގައުމުގައިވެސް އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ތުރުކީން ހާމަކޮށްފައިވާގޮތުގައި 20 އަށްވުރެ ގިނަ ގައުމުން ވަނީ އެހީތެރިކަން ފޯރުކޮށްދޭން އަމިއްލައަށް އެދިފައެވެ. އެހެން ނަމަވެސް ސޫރިޔާގައި އަސަރު ކުރި ސަރަހައްދަކީ ދާހިލީ ހަނގުރާމައިގާ ސަރުކާރާ ދެކޮޅު ފައުޖުތަކުން ކޮންޓްރޯލު ކުރާ ސަރަހައްދެއް ކަމުން އެ ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދިނުމާއިމެދު ގައުމުތަކުން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ފާޅުކުރަމުންދެއެވެ.

މީހުން ސަލާމަތް ކުރުމާއި ކާރިސާގެ ހާލަތު ރަނގަޅު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިނި މޫސުމަށް ވުމެވެ. ސްނޯ ފޭބުމާއި ގަދަ ފިނީގައި ވާރޭވެހުމުގެ މައްސަލައެވެ. މިކަމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް ދެ ގައުމުންވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް