ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ލަސް ކަމަށާއި އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތައް ނިސްބަތްވެވަޑައިގަންނަވާ އައްބާސް ފާއިޒް އަކީ މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައިގެ ކަންކަން ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސް ޞާލިޙް އައްޔަންކުރެއްވާފައިވާ މަންދޫބެކެވެ. އޭނާ މަސައްކަތްކުރަން ހަމަޖެހިފައިވަނީ ރައީސް އޮފީހުގައެވެ.
އައްބާސް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ބައެއްގެ މައްޗަށް ދައުވާ އުފުލި ފަހުން މަސްތަކެއް ފާއިތުވެއްޖެ ކަމަށެވެ. ނަމަވެސް ކުރިއަށް ގެންދެވިފައިވަނީ އެންމެ މީހެއްގެ ޝަރީއަތް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މައްސަލައިގެ ވަށައިގެންވާ އެންމެންގެ ޝަރީއަތް ލަސްވެގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ. އަދި އޭނާ ވަނީ ތަހުގީގުގައި އަދި ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފައެެވެ.
މީގެ އިތުރުން މި މައްސަލައިގައި އިތުރު އަށް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގުގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް