ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުން އިވޭ: އެމްޕީ ސަލީމް

މި ސަރުކާރުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމާއި، ތަރައްގީއަށް ގިނަ މަސައްކަތްތަކެއްކޮށްފިކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުން އިވޭ ކަމަށް ހޯރަފ...

07 Feb 2022 | 11:45

މި ސަރުކާރުން ރާއްޖޭގެ ޝަރުޢީ ދާއިރާގެ ކުރިއެރުމާއި، ތަރައްގީއަށް ގިނަ މަސައްކަތްތަކެއްކޮށްފިކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ކޯޓު ފުރާޅުން ޓިނު ނެގި ވާހަކަ އަދިވެސް ހޮޅުއަށިތަކުން އިވޭ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ސައްލެ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.

ސައްލެ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ފެނިގެން ދިޔައީ ކޯޓުތަކަށް ނުފޫޒު ފޯރުވި ތަންކަމަށާއި އާންމު ހޮޅުއަށި ތަކުގައި މިހާރުވެސް ދައްކާ އެއްވާހަކައަކީ ކޯޓުގެ ފުރާޅުން ޓިނުނެގި ވާހަކަ ކަމުގައެވެ.

ފަނޑިޔާރުގެއިން ސަރުކާރު ހިންހަމަނުޖެހޭ ގޮތަކަށް ޙުކުމެއް ނެރެފިނަމަ ފަނޑިޔާރުން ބިރުންތިބި މަންޒަރު އެހެރީ ރެކޯޑްކޮށް، އާކައިވްކޮށްފައި، މިހާރުވެސް ބަލާލަން ބޭނުންވީމަ ބަލައިލެވޭ ގޮތަށް ފެންނަން، ކަމަށާއި މިއަދު އެކަން އޮތީ އެެހެން ނޫންކަމުގައި އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގައި ފަނޑިޔާރުންނަށް މިނިވަންކަމާއެކު ޙުކުމް ކުރެވޭނެ މަގު ވަނީ ތަނަވަސްކޮށްދީފައި ކަމުގައި ސައްލެ ފާހަގަކުރެއްވިއެވެ.  އަދި ހިންހަމަޖެހުނަސް ނުޖެހުނަސް ފަނޑިޔާރުންގެ އަތްޕުޅުގައި އެ މިނިވަންކަން އޮތްކަން މިއަދު އެ ދަނީ ސާބިތު ވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ސައްލެ ވިދާޅުވީ ފަނޑިޔާރުންނާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލޭނެ ހަރުދަނާ އުސޫލެއް ގާއިމުކޮށް، އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

އަދި ފަނޑިޔާރުންގެ މަސައްކަތްތައް ވަޒަންކޮށް ހަރުދަނާ ކުރުމަށް ސާވޭތައް ދަނީ ކުރިއަށް ގެންދަމުން ކަމުގައި ފާހަގަ ކުރައްވާ ސައްލެ ވިދާޅުވީ، މިއަދުގެ ޖުޑިސަލް ސާވިސް ކޮމިޝަނަކީ ހޭލާ އޮތް، ވަރަށް ހަރަކާތްތެރިތަނެއް ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް