ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އިދިކޮޅުން ނިންމައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް މިހެން ވިދާޅުވީ ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި އެވެ.
އިދިކޮޅުން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޖުޑީޝަރީއަށް ފާޑު ކިޔާ، ނުފޫޒު ފޯރުވާ، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ގޮތުން ފަނޑިޔާރުން ވަކި ކުރާނެ ކަމަށް ބުނެ އަލީ އާޒިމް ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.
"މިއީ ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްގެ އެއްބާރުން އަނެއް ބާރުގެ ތެރެއަށް އަތްބާނާ، ޖުޑީޝަރީ ހިސޯރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ޤަބޫލުކުރެއެވެ." އިދިކޮޅުން ބުނެފައިވެއެވެ.
އިދިކޮޅުގެ ބަޔާނުގައި ވަނީ މުސްތަގިއްލު މުއައްސަސާތަކަށާއި ދިވެހި ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލުމަށް އެމްޑީޕީ ގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަށާއި އެ ޕާޓީގެ ލީޑަރަށް ގޮވައިލައިފައެވެ.
އާޒިމްގެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އާޒިމް މިއަދުގެ ޖަލްސާގައި ވިދާޅުވީ ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ އެކައުންޓުގައި ހުރިކަން ކަނޑައެޅިގެން އެނގޭއިރު، ސުޕްރީމް ކޯޓުން އެ މަނިކުފާނު މިނިވަން ކުރަން ކުރި ހުކުމަކީ ވަރަށް އަޖައިބުވާ ކަހަލަ ހުކުމެއް ކަމަށެވެ.
ޔާމީންގެ އެކައުންޓުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފެންނަން އޮތް އިރު، ޔާމީން މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުއައްސަސާތަކުގެ ވެރިން ބަދަލު ކޮށްގެން ވެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް