ޕީޕީއެމް، ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ކުރިމަތިވާ ކަންކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ (241) ކޮމިޓީން ނިންމައިފިއެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ޙަރަކާތުގެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށައެޅުއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަމުން، ނަޝީދު ވިދާޅުވީ ދިވެހިންގެ ބަޔަކު އިސްވެ ވަކި ޤައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ. ނަމަވެސް ވަކި ޤައުމަކަށް ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔުމަކީ މައްސަލައެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތާއި ގުޅޭގޮތުން ރައީސް ނަޝިދު ކޮމިޓީއަށް ހުށައެޅުއްވި މައްސަލަ ދިރާސާކުރާއިރު އަމަލުކުރަން އޮންނަ އުސޫލުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތެވެ. އަދި މިފަދަ މައްސަލަތަކާމެދު އެހެނިހެން ޤައުމުތަކުން ޢަމަލުކޮށްފައިވާ ގޮތްތައް ބެއްލެވުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު މަޖިލީހުގެ ކޮމިޓީއަށް ހުށައެޅުއްވި މައްސަލަ ކޮމިޓިން ބޭރުކޮށްލުމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް ކޮމިޓީން އެ ހުށައެޅުމެއް ފާހެއް ނުވިއެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީން ބެއްލެވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށައެޅުއްވިއެވެ. ޙަސަން ލަޠީފްގެ ހުށައެޅުއްވުމުގައި ވަނީ ބައެއް އިދާރާތައްވެސް ކޮމިޓީއަށް ޙާޒިރުކުރުމަށް ހުށައަޅުއްވާފައެވެ.
މިގޮތުން ކޮމިޓީން އެމައްސަލަ ދިރާސާކުރައްވަމުން ގެންދަވާއިރު، ކަމާ ގުޅުންހުރި މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާރވިސް، ޑިފެންސް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީ، ކަސްޓަމްސް އަދި އިމިގްރޭޝަން ޙާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މުޤައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ އެއީ މުހިންމު މައްސަލައެއްކަމުން، ސިޔާސީ ރޫހުގައި މައްސަލަ އެއްވެސް މެންބަރަކު ނުނެންގެވުމަށް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް