މަތީ ތަޢުލީމާއި ތަމްރީންތައް ހޯދައިދިނުމުގެ ފުރުސަތުތައް ހޯދައިދިނުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 720 ފުރުސަތު ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ.
އެގޮތުން ޑރ. ހަސަން އިބްރާހިމް ވިދާޅުވީ މިފަހަރުގެ ލޯނު ސްކީމްގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާފައި ވަނީ 417 ފުރުސަތު ކަމަށެވެ. އަދި މި ވަގުތު ކިޔަވަމުންދާ ދަރިވަރުންނަށް 303 ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
މި އަހަރުގެ ސްޓޫޑެންޓް ލޯނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު އެޑްމިނިސްޓްރޭޝަން ފީ ތިން ޕަސެންޓުން އެއް ޕަސެންޓައް ކުޑަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ލޯނު ސްކީމަށް ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިއަހަރުގެ ސްޓޫޑެންޓް ލޯނުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު ކުރީ އަހަރެކޭ އެއްފަދައިން ހަމަޖެހިފައިވާނެ ކަމަށް ވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި އަހަރު ރާއްޖޭގައި އެމްބީބީއެސް ހަދާ ދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށްޓަކައި 40 ސްލޮޓް ރިޒާވް ކޮށްފައިވާނެ ކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ލޯނު ސްކީމަށް ހުޅުވާލިއިރު ރާއްޖޭގައި މާސްޓާސް ކިޔަވާ ދަރިވަރުނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ ވަރަށް ގިނަ ދަރިވަރުން ރާއްޖޭގައި މާސްޓާ ފުރިހަމަކުރަމުންދާތީ ކަމަށާއި ކޮވިޑްގައި ރާއްޖެއިން ބޭރަށް ދިއުމަށް އުނދަގުވެފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމަމިއާއެކު، ރާއްޖޭގެ ގިނަ ކޮލެޖްތަކުން މިހާރު މާސްޓާ ކިޔެވުމުގެ އިންތިޒާމް ހަމަޖެހިފައިވާތީ ކަމުގައި ފާހަގަ ކުރެއްވިއެވެ.
ސްޓޫޑަންޓް ލޯނަށް ކުރިމަތިިލުމުގެ މުއްދަތު ހަމަވާނީ މާޗް މަހުގެ ތިން ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް