މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިޢުލާނުކޮށްފިއެވެ.
އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ބާޖަމާލުއްދީނުގައި ހުންނަ އީސީގެ އިންތިޚާބީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށެވެ.
މީގެ އިތުރުން ފުއާދު ވިދާޅުވީ މިއިންތިޚާބުގެ ނަތިޖާއަށް ބަދަލު އަންނަފަދަ ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށެވެ.
އެގޮތުން މިއިންތިހާބުގައި ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. އަދި 47 ވޯޓް ބާތިލުވެފައިވާއިރު ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ.
އީސީ އިން އިޢުލާނުކޮށްފައިވާ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ މުޙައްމަދު ރާޝިދަށް 1401 ވޯޓު ލިބިފައިވާއިރު ޕީޕީއެމްގެ މޫސާ ފަތުޙީއަށް ލިބިފައިވަނީ 1161 ވޯޓެވެ. އަދި އެމްއެންޕީގެ އަބްދުލް ހަންނާނަށް ލިބިފައިވަނީ 323 ވޯޓެވެ.
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް