ރަށްރަށުގެ މެޖިސްޓްރޭޓުންގެ ޢަމަލުތައް ހުންނަގޮތްވެސް ޖޭއެސްސީން ބައްލަވަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ހަމައެކަނި ބަލަމްޖެހޭނީ މާލޭގެ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންގެ މައްސަލަތައް ނޫން ކަމަށެވެ.
ޖޭއެސްސީން ހަރުދަނާ ރަނގަޅު މަސައްކަތްތަކެއް ކުރަށްވާކަން ފާހަގަ ކުރަށްވަމުން މެންބަރު ޔައުޤޫބު ވިދާޅުވީ އިތުރަށްވެސް ބަލަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.
އެގޮތުން ޔައުޤޫބު ވަނީ ރަަށްރަށުގެ ފަނޑިޔާރުގެތަކުގައި ހުރި މައްސަލަތަކުގެ އޮޑިޓެއް ހެއްދެވުމަށް ގޮވާލައްވާފައެވެ. އަދި ފަނޑިޔާރުންދަނީ އެކިއެކި ވިޔަފާރީގައި ޙަރަކާތްތެރިވަމުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ވަޢުދުކަން ފާހަގަ ކުރައްވާ ޔައުޤޫބު ވިދާޅުވީ އެކަންކަމުގެ ތެރޭގައިވެސް ބައެއް ފަނޑިޔާރުން އުޅޭކަމީ މިއަދު ހިތާމައާއެކީ ފާހަގަކުރާ ކަމެއް ކަމުގައެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ހައްޤު، ކޮންމެ ފަނޑިޔާރަކަށްވެސް ލިބިގެންވާ ކަމަށެވެެ. އެގޮތުން ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަސްދުވަހުގެ ޗުއްޓީއެއް އަދި ދަރިއަކު ލިބުމާގުޅިގެން ފިރިހެން ފަނޑިޔާރަކަށް އެއް މަސްދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް އިސްލާޙުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް