މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޮލީވުޑްގައި ހިނގި އެންމެ ހޫނު ހަބަރަކީ ރިތިކް ރޯޝަލް، ބަތަލާ ސަބާ އަޒާދް އާއި އެކު ކެއުމަކަށް ގޮސް ރެސްޓޯރެންޓުން ނުކުތް އިރު އަތުގުޅައިގެން ތިބި ވާހަކަ އާއި ދެމީހުންގެ ގުޅުމުގެ ވާހަކަ އެވެ.
ބައެއް ނޫސްތަކަށް އެ ދެމީހުންގެ ދެމެދުގައި އޮތީ ލޯބީގެ ގުޅުންކަން ކަށަވަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. އުމުރުގެ ފަރަގު ބޮޑުކަމުން ބައެއް މީހުން ފާޑުކިޔަމުންދާއިރު އަނެއް ބައި ނޫސްތަކުން ދަނީ ސަބާގެ ކުރީގެ ލޯބީގެ ވާހަކަތައް ތިލަ ކުރަމުންނެވެ.
މިވާހަކަތައް ކޮޅެއްގައި ނުޖެހިގެން އުޅެނިކޮށް ދެމީހުންގެ ގާތް މީހަކު މީޑިއާގައި ބުނީ ރިތިކް އާއި ސަބާ އެރޭ ކެއުމަށް ގޮސް ދެއްކީ މުޅިންވެސް މަސައްކަތުގެ ވާހަކަ ކަމަކަށެވެ. އެކަމަކު އެއީ ކޮން ޕްރޮޖެކްޓަކާއި ގުޅޭ ވާހަކަތަކެއް ކަމެއް ނުބުނެ އެވެ. އަދި ދެމީހުން އަތުގުޅައިގެން ގޮސް އެއް ކާރެއްގައި ގެއަށް ދިޔަ ސަބަބު ބުނެދީފައެއް ނުވެ އެވެ.
އެމީހާ ބުނީ އެ ދެމީހުން ބައްދަލުވެފައިވަނީ އެކުވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ކަމަށެވެ. އަދި ފުރަތަމަ ބައްދަލުވުމަށް ފަހު ރިތިކް އާއި ސަބާ ފޯނުން ގުޅައި، ބައްދަލުކޮށް ހަދާ ކަމަށާއި ގިނައިން ދައްކަނީ މަސައްކަތުގެ ވާހަކަ ކަމަށެވެ.
އެކަމަކު ދެމީހުންގެ އެ އެކުވެރިޔާ ދެއްކި ވާހަކަތަކަކީ ގަބޫލު ކުރަން ދަތި ވާހަކަތަކެއް ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.
ސަބާ އަކީ މާ މަޝްހޫރު ތަރިއަކަށް ނުވިޔަސް އޭނާ ވަނީ ބައެއް ފިލްމުތަކާއި ލަވަތައް ހަދާފަ އެވެ. ސަބާ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި ނެޓްފްލިކްސްއިން ދެއްކި "ފީލްސް ލައިކް އިޝްކް" ހިމެނެ އެވެ. ދެން އެންމެ އަވަހަށް އޭނާ ފެންނާނީ ސޮނީ ލައިވްއިން ދައްކާ ފިލްމު "ރޮކެޓު ބޯއީސް" އިންނެވެ.
ރިތިކް އެންމެ އަވަހަށް ފެންނާނީ ފިލްމު "ފައިޓާ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް