ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތްލެޓިކޯ އަތުން ބާސާ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ނިމިގެން ދިޔަ ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު ދެ ކުޅުންތެރިން ވެސް ކުޅެފައިވާއިރު، އެޑަމާ ޓްރައޯރޭ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ޕިއޭ-އެމެރިކް އޮބާމަޔަން ކުޅެން އެރީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހު ހާފުގައެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި އެތްލެޓިކޯއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ލުއިސް ސުއަރޭޒް ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔަނިކް ކަރާސްކޯއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ބާސާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ޑެނީ އަލްވޭސްގެ އެހީތެރިކަމާއި އެކު މި ލަނޑު ބާސާއަށް ޖަހައިދިނީ ޖޯޑީ އަލްބާއެވެ. މި ގޯލަށް ފަހު ކުޅުން ރަނގަޅުކޮށް ބާސާއިން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ޓްރައޯރޭ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަވީއެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރޮނާލްޑް އަރައުހޯ ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހައިދީ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ލީޑުގައި އޮވެ ބާސާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެޓީމުގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ޑެނިއެލް އަލްވޭސްއެވެ. އެތްލެޓިކޯއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ފަރަަގު ކުޑަކުރީ މެޗުގެ 58 ވަނަ މިނެޓުގައި ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މޮޅާއި އެކު ބާސާ ވަނީ ތާވަލްގެ ހަތަރު ވަނައަށް ޖެހިލާފައެވެ. ބާސެލޯނާ ހަތަރުވަނާގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 38 ޕޮއިންޓާއި އެކުގައެވެ. ބާސާއަތުން ބަލިވި އެތުލެޓިކޯ އޮތީ 22 މެޗުން ލިބުނު 36 ޕޮއިންޓާއި އެކު ފަސް ވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް