ލަތާ މަންގޭޝްކަރު މަރުވުމާއި ގުޅިގެން ރައީސް ތައުޒިއާ ފޮނުއްވައިފި

އިންޑިއާގެ ލެޖެންޑަރީ ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވުމާއި ގުޅިގެން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތައުޒިއާ ވިދާޅުވެއްޖެއެވެ. ލަވަކިއުންތެރިޔާ ލަތާ މަންގޭޝް...

07 Feb 2022 | 00:46

އިންޑިއާގެ ލެޖެންޑަރީ ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވުމާއި ގުޅިގެން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތައުޒިއާ ވިދާޅުވެއްޖެއެވެ.

ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރް މަރުވީ ކޮވިޑް ބަައްޔަށް ޕޮޒިޓިވްވެ، މަހެއްހާ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނިކޮށް އުމުރުން 92 އަހަރުގައެވެ.

ލަތާގެ މަރުގެ ހަބަރާއިއެކު އިންޑިއާ ކުރަމުންދާ ހިތާމައިގައި ބައިވެރިވެ ރައީސް ޞާލިޙް ވަނީ ލަތާގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ.

އެގޮތުން އެ މަނިކުފާނު ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ލަތާ މަންގޭޝްކަރު ނިޔާވި ހަބަރު އެހީ ފުންހިތާމައާއިއެކު ކަމަށާއި، ލަތާގެ ލަވަތަކަކީ އަދިވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގެ އެތައްބަޔަކަށް އުފާވެރިކަން ގެނެސްދޭ ލަވަތަކެއް ކަމުގައެވެ.  އަދި އިންޑިއާއަށް ގެއްލިގެން އެދިޔައީ އަގުހުރި ހަޒާނާއެއް ކަމުގައި ރައީސް ޞާލިޙްގެ ތައުޒިއާ މެސެޖުގައިި ވިދާޅުވެފައި ވެއެވެ.

ލަތާ މަންގޭޝްކަރުގެ ޖަނާޒާ ބާއްވާފައިވަނީ އިންޑިއާ ގަޑިން މިއަދު އިރުއޮއްސި 6:30 ހާއިރުއެވެ.

ލަތާގެ މަރުގެ ހަބަރާއި އެކު، އިންޑިއާ ސަރުކާރުން ވަނީ ތައުޒިއާގެ ދެދުވަސް އިއުލާންކޮށް، ބައި ދަނޑިއަށް ގައުމީ ދިދަވެސް ތިރިކޮށްފައެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ހިމެނޭހެން ސަރުކާރުގެ އިސްވެރިން ވަނީ ލަތާގެ އާއިލާއަަށް ތައުޒިއާގެ މެސެޖު ފޮނުވާފައެވެ.

ދުވަހަކުވެސް ކައިވެންޏެއް ކޮށްފައިނުވާ ލަތާ އަކީ ލަވަ ކިޔުމުގެ އިތުރުން ސިޔާސީ ދާއިރާގައި ވެސް އިންޑިއާގައި ފާހަގަކުރެވުނު ޝަހްސިއްޔަތެކެވެ. އެގޮތުން  އެ ޤައުމުގެ ސިޔާސީ މައިދާނުގައިި 6 އަހަރުވަންދެން ހޭދަކޮށްފައި ވެއެވެ.

ލަތާގެ ލަވަ ކިޔުމުގެ ހުނަރަށް އެތަށް އެވޯޑަކާއިި ގައުމީ އިނާމުވެސް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ނެޝަނަލް ފިލްމް އެވޯޑްސް، ބީއެފްޖޭއޭ އެވޯޑްސް، ފިލްމްފެއަރ އެވޯޑު ފޮރ ބެސްޓް ފީމޭލް ޕްލޭބެކް ސިންގަރ، ފިލްމްފެއަރ ސްޕެޝަލް އެވޯޑު އަދި ފިލްމްފެއަރ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ހިމެނެއެވެ. މީގެ އިތުރުން ޕަދްމާ ބުޝާން އޮނަރ، ދާދާސާހެބް ޕަލްކޭ އެވޯޑު، މަހާރަޝްތުރާ ބުޝާން، ޕަދްމާ ވިބުޝާން، ބާރަތް ރަތްނާ އަދި ލެޖަން އޮފް އޮނަރ 2007 ވެސް ވަނީ ލަތާ ހާސިލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް