މަދަނީ ޖަމިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެހީއަށް އެދި ހުށަހެޅޭނީ ޖަމިއްޔާތަކާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމިއްޔާތަކަށެވެ.
އަދި މި ފިޔަވަހީގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މިގޮތުން އެހީގެ ގޮތުގައި ކޮންމެ ޖަމިއްޔާއަކަށް ވެސް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވެގެން ތިން ލައްކަ ރުފިޔާއެވެ.
ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ޖަމިއްޔާތަކުން މަޝްރޫޢު ނުވަތަ ހަރަކާތަށް ބިނާކޮށް ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައުލޫމާތުގެ އިތުރުން ކަމާ ގުޅޭ ލިޔެކިޔުންތައް ވެސް ހިމަނަންޖެހޭނެއެވެ.
އެގޮތުން ކައުންސިލް ފަދަ މުއައްސަސާއަކުން، ހިންގަން ބޭނުންވާ މަޝްރޫޢުތަކާއި ހަރަކާތްތައް ބަލައިގަންނަ ކަހަލަ ލިޔުމެއް، މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް އެހެނިހެން ފަރާތްތަކުން އެހީ ހޯދާނަމަ ނުވަތަ ލިބިފައިވާނަމަ އެކަން އެނގޭފަދަ ލިޔުމެއް ހިމަނަންޖެހޭނެއެވެ.
މީގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅާ މަޝްރޫޢުއާ ގުޅުންހުރި ކުރެހުންތަކާއި، ކޮންސެޕްޓް ޕޭޕަރާއި، މުޖުތަމައުގެ ބައިވެރިވުން އޮތް ކަން ކަށަވަރުވާ ފަދަ ލިޔުމަކާއި، ދެމެހެއްޓެނިވި ގޮތަކަށް އެކަންކަން ކުރިއަށްދާނެ ކަން އަންގައިދޭ ލިޔުން ހިމެނުމުން ޕްރޮޕޯސަލް އަށް ލިބޭ މާކްސް އިތުރުވާނެއެވެ.
މިގޮތުން ޕްރޮޕޯސަލް ހުށަހަޅެމުގެ ސުން ގަޑިއަކީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް