ބައެއް ކުށްތައްކޮށްފައިވާ މީހުންނަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭ އިސްލާހު މަޖިލީހަށް ބަލައިގެންފި

އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތާއި ރިޝްވަތާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ކުޑަކުދިންނާއި ބެހުމާއި ރޭޕް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް ...

07 Feb 2017 | 09:12

އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތާއި ރިޝްވަތާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ކުޑަކުދިންނާއި ބެހުމާއި ރޭޕް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް އޮތް އޮތުން އުނި ކުރުމަށް ފަހު ރައްޔިތުންގެ މަޖިިލީހަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގެންފި އެވެ.

މި އިސްލާހު ބަލައިގެންފައިވަނީ ،ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތާއީދާއި އެކު އެވެ. ދެކޮޅަށް 23 މެންބަރުން ވޯޓު ދެއްވި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދެވެ.

އިސްލާހުގައި ވަނީ އިސްލާހުގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ނުވަ ޝަރުތެއް ހިމަނައިފަ އެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ގާނޫނުން އުނިކުރަން ހުށަހަޅައިފަ އެވެ.

އުނިކުރަން ހުށަހަޅާފައިވަނީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހުންނާއި ޖިނާއީ ކުށެއް އަދަބު ތަންފީޒު ކުރަމުންދާ މީހުންނަށް ބައިވެރިނުވެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި އޮތް ޝަރުތެވެ.

އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައި ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކައުންސިލް ކުރިމަތިނުލެވޭ ޝަރުތުތައް ވެސް އޮތީ އުނިކޮށްފަ އެވެ. އަދި ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކުރިމަތިނުލެވޭ ޝަރުތު އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައި ނުވެ އެވެ.

މަޖިލީހަށް ހުށަހެޅި އިސްލާހުގައި ކައުންސިލްކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތު ކަމަށް ކަނޑައަޅާފައިވަނީ ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު ފަސް އަހަރު ފާއިތުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުމެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވުމާއި. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން، އެއްވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިނުވުމުގެ އިތުރުން އެއްވެސް ޖިނާއީ ކުށެއް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކޮށް ދެވުނުތާ ދެ އަހަރު ފާއިތުވާން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ކުރީގައި ޝަރުތުގެ ގޮތުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ފުލްޓައިމް ދަރިވަރަކަށް ކައުންސިލަށް ކުރިމަތިނުލެވޭ ގޮތަށް އޮތް ޝަރުތު ވަނީ އުނިކޮށްފަ އެވެ. ބޭރުގެ ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެ މީހަކަށް ކައުންސިލަށް ކުރިމަތިލެވޭނީ އެމީހަކު ދިވެހި ރައްޔިތަކަށްވެ، އެ މީހަކީ ރާއްޖޭގައި ދިރިއުޅޭ މީހަކަށްވާނަމަ ކަމަށް ބުނާ ޝަރުތު ވަނީ އުނިކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި މެންބަރުންގެ ތެރެއިން އެމްޑީޕީއާއި ޖޭޕީގެ އިތުރުން ޕީޕީއެމްގެ ބައެއް މެންބަރުން ވަނީ މި އިސްލާހާއި ދެކޮޅު ހަދާފައި އެވެ.

ޕީޕީއެމްއިން މަސައްކަތް ކުރަމުން ދަނީ އަންނަ އެޕްރިލް 8، ގައި ބާއްވާ އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް މި ޝަރުތަކާއި އެއްގޮތަށް ވާދަކުރެވޭގޮތް ހެދުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް