ޕަބްލިސކް ސާވިސް މީޑިއާގައި މަސައްކަތް ކުރަމުން ގެންދެވި ޑެޕިއުޓީ ނިއުސް ހެޑް ހީނާ ވަލީދު ސިޔާސީ މަގާމަކަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އައްޔަން ކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އައްޔަން ކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އަދި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އޭނާ ގެންދަވަނީ އޮފީހަށް ނުކުންނަވަމުންނެވެ.
ހީނާ ޕީއެސްއެމްއިން އިސްތިއުފާދެއްވުމަށްފަހު މީޑިއާގައި ވިދާޅުވެފައިވަނީ އެތަނުން ވަކިވީ އެއްވެސް މައްސަލައެއް ޖެހިގެން ނޫންކަމަށާއި އަދިވެސް ވިސްނުން ހުރީ އިތުރަށް ކިޔެވުމަށް ކަމަށެވެ. ހީނާ ޕީއެސްއެމްގައި 13 އަހަރު ހޭދަ ކުރި އެވެ.
މީގެ ކުރިން ޕީއެސްއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އައިޝަތު ލީޒާވެސް ވަނީ މި ސަރުކާރު ވެރިކަމަށް އައުމުން މަގާމުން އިސްތިއުފާ ދިނުމަށްފަހު ރައީސް އޮފީހުގެ މަގާމަކަށް ބަދަލުވެފައި އެވެ. އެކަމަކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރި ހިސާބުން އޭނާ ވަނީ ރައީސް އޮފީހުގެ ވަޒީފާއިން އަމިއްލަ އަށް އިސްތިއުފާދެއްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް