ލިޔުއްވީ: Dr. Omid Safi
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޕްރޮފެސަރ ޢުމީދު ސާފި (Professor Omid Safi) އަކީ، އެމެރިކާގެ ޑިޔުކް ޔުނިވާރސިޓީގެ "އިސްލާންދީން ދިރާސާ ކުރާ މަރުކަޒުގެ" އިސްވެރިޔާއެވެ. ކިޔަވައިދެއްވުމުގެ އިތުރުން އިސްލާން ދީނާއި، ކީރިތި ރަސޫލާގެ ސީރަތާއި ބެހޭ ގޮތުން މީޑިޔާގައި ލިޔުއްވުމާއި ވާހަކަ ދެއްކެވުމުގައި މިހާރުވެސް އިސްވެ އުޅުއްވައެވެ. ކޮންމެ ހޫނު މޫސުމެއްގައި ތުރުކީ ވިލާތަށް ސަގާފީ ފަތުރުވެރިކަމުގެ ދަތުރެއް ރާއްވަވައި އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދަވައެވެ.
" ދާދި ފަހުން ވަރަށް ގާތް ރަހުމަތްތެރި އަންހެނަކާ ބައްދަލުވުމުން އޭނާގެ ހާލުއަހުވާލު އަހައިލީމެވެ. ވަރަށް ވަރުބަލިވެފައި ހުރި ރާގަކަށް ބުންޏެވެ. " މި އުޅެނީ ހާދަަހައި އަވަދި ނެތިއެވެ! ހަމަ އިތުރު އެންމެ މިނެޓެއްވެސް ހުސްކޮށެއް ނެތެވެ. ހާދަހައި ކަންތަކެއް ކުރާން ހުރެއެވެ! "
އަދި މިވާހަކަ ކޮޅަށް މާ ގިނައިރެއް ނުވަނީސް އެހެން ރަހުމަތްތެރިއަކާއި ދިމާވެގެން އޭނާގެވެސް ހާލު އަހައިލީމެވެ. ދެންވެސް އިވުނީ ކުރީގެ ރާގާއި ހަމަ އެ ރައްދެވެ! މީނާ، އަދި މާ ވަރުބަލިވެފައިވާ ކަމަށް އަޅުގަނޑަށް އިހުސާސުކުރެވުނެވެ. މި ދާއިމީ ވަރުބަލި ކަމަކީ މިހާރު ހަމަ އެކަނި ބޮޑެތި މީހުންގެ ކިބައިން ފެންނަ ކަމެއް ނޫނެވެ.
އެމެރިކާގައި އަޅުގަނޑު ކުރީގައި އުޅެމުން އައި ހިސާބުން އެހެން ހިސާބަކަށް ބަދަލުވީމެވެ. ވަރަށް ރީތި، ހިތްފަސޭހަ، މަޑުމައިތިރި ހިސާބެކެވެ. އަވައްޓެރިންނަކީ އަތްމަތި ތަނަވަސް، ތައުލީމީ، ތަހުޒީބީ މީހުންނެވެ. އަޅުގަނޑުގެ އަވައްޓެރި ވަރަށް ހިތްހެޔޮ ސާދާ އަންހެނެއްގެ ގާތުގައި، އަޅުގަނޑުގެ ތުއްތު އަންހެން ދަރިފުޅާއި އޭނާގެވެސް ހަމަ އަޅުގަނޑުގެ ދަރިފުޅާއި އެއް އުމުރުގެ ދަރިފުޅާއި ދެކުދިން އެކީގައި ކުޅެން އުޅުނަސް އެންމެ ރަނގަޅުތޯ ސުވާލު ކޮށްލީމެވެ.
ހަމަ ވަގުތުން، ދަބަހުން ފޯނު ނަގައި ހަފުތާގެ ތާވަލު ބަލަން ފަށައިފިއެވެ. ބަލަމުން ބަލަމުން ގޮސް އެންމެ ފަހުން ބުނެފިއެވެ. ” މީގެ އަށާރަ ވަރަކަށް ދުވަސް ފަހުން ހުސް ސާޅީސް ފަސް މިނެޓު، އަހަރެންގެ ތުއްތު އަންހެން ދަރިފުޅަށް ލިބެން އެބަ އޮތެވެ! އެހެން ވަގުތު ވަގުތުގައި ޖިމްނާސްޓިކު ފަރިތަ ކުރުމާއި، ޕިޔާނާ ކުޅެން ދަސްކުރުމާއި ލަވަ ކިޔުމުގައި އަޑު ކޮންޓްރޯލު ކުރަން ދަސްކުރާ ކުލާސްތައް އޮންނާނެއެވެ! އެފަކީރު އުޅެނީ ހާދަހައި އަވަދިނެތިއެވެ!”
ވިޔާނުދާ އާދަތަކަށް ކުދިން ހޭނެން ފެށެނީ އުމުރުން ހާދަހައި ޅަފަތެއްގައެވެ! މިހެން، މިހައި އަވަދިނެތި އުޅެން މިޖެހެނީ ކީއްވެބާއެވެ؟ އަޅުގަނޑުމެން މިހެންވިޔަދެނީ ކީއްވެބާއެވެ؟ އަދި ވަކީން ޚާއްސަކޮށް އަޅުގަނޑުމެންގެ ތުއްތު ދަރީންނަށް މިހާ ބޮޑު ތަކުލީފެއް މިޖައްސަނީ ކީއްވެބާއެވެ؟ އަޅުގަނޑުމެންނަކީ އުފަންވުމުގައިވެސް ޤަދަރުވެރިން ކަމުގައި މާތް ﷲ ލައްވަވާފައިވާ ބައެއްކެވެ! އިތުރު އިއްޒަތް ހޯދުމަށް ދުވާލު ހަަތަރުދަމު ތެޅިފޮޅޭކަށް ނުޖެހެއެވެ!
ތުއްތު ކުދިން ހާމަ ތަންތަނުގައި ވެއްޔާ ކުޅެ، ދެ އަތްތިލައާއި އަންނައުނުގައި ކިސަޑު ހޭކި، ގަސްގަހަށް އަރައި ބައެއް ފަހަރު ވެއްޓި، އަނެއްބައި ފަހަރު ފޫހިވެގެން އުޅުނު ދުވަސްވަރަށް ވީ ކީއްބާއެވެ؟ މިހާރު އަޅުގަނޑުމެން ފަދައިން ތުއްތު ކުދިންވެސް މި ތިބެނީ ވަކި ތާވަލެއްގެ ދަށުން ދެ ހަފުތާ ކުރިޔަށް ވަކި ގަޑިތަކަކަށް ‘ފެތި’ ނިމިފައެވެ! އެކުދިން ދެކެ ” އެހާވަރަށް” ލޯބިވާން މިޖެހެނީ ކީއްވެ ބާއެވެ؟
އަޅުގަނޑުމެން އެބަޔަކު ދެކެ ލޯބިވާ މީހުންނާއި އެކު މަޑުމަޑުން ހަމަ ޖެހިލައިގެން ގިނައިރު ވާހަކަ ދައްކާލައި ސަމާސާކޮށްލައި އުޅުނު ދުވަސްވަރަށް ވީ ކީއްބާއެވެ؟ އެހެން ވާހަކަ ދައްކަން ތިބޭއިރު އެއްވެސް މީހަކު ވާހަކަ ނުދައްކާ ހުސްވަގުތު އަޔަސް އެ ވަގުތުތައް ފުރާކަށް މީހަކު މާ މަސައްކަތެއް ނުކުރޭ ނޫންތޯއެވެ. ހަމަޖެހިލައިގެން ތިބުމަކީ އެއީއެވެ! އަޅުގަނޑުމެން މިހާރު މި ތައްޔާރު ކުރި ދިރިއުޅުމަކީ، މަދު ވަގުތުކޮޅެއްގައި ފިސާރި ގިނަކަންތައް ކޮށް، އަރާމެއް ހިތްހަމަޖެހުމެއްނެތި، އަވައްޓެރިންނާއި، އެކީގައި އުޅޭ އެހެން މީހުންނާއެކުވެސް ވަގުތު ހިއްސާ ނުކުރެވޭ ގޮތަށް ރާވާފައިވާ ދިރިއުޅުމެކެވެ! މިހިސާބަށް މިދިޔައީ ކިހިނެއްބާއެވެ؟
މިހާރު އަޅުގަނޑުމެން މި ދިރިއުޅޭގޮތަށް، ހުއްޓި ފަސްއެނބުރި ބަލައިނުލައި، އަޅުގަނޑުމެން މި ދުނިޔޭގައި އަދާކުރާ މުހިންމު ދައުރައި މެދު ވިސްނާނުލައި، މިހެން އުޅެން ހަމަ ހެޔޮނުވާނެއެވެ. މިއީ ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުން ހުރި ދިރިއުޅުމެކެވެ. މިހެން ތެޅިފޮޅެން ޖެހުމުން އަޅުގަނޑުމެން މިތިބެނީ ގާތްތިމާގެ މީހުންނާއި ބައްދަލުވާ ހިނދު، ވަގުތުކުޑަތަންވެ، އަބަދުވެސް ވަރުބަލިވެ ހަކަތަ ހުސްވެފައެވެ!
1950 ގެ އަހަރުތަކުގެ ފަހުން ޓެކްނޮލޮޖީއަށް އައި ކުރިއެރުމުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން ފަސޭހަ ކޮށްދީ އިތުރު ވަގުތު ހޯދައިދޭނެ އާލާތްތައް އަޅުގަނޑުމެނަށް މިހާރު ގަނެވެން ހުރިކަމަށް އިޝްތިހާރުތަކުން ކެނޑިނޭޅި ދައްކަމުންދެއެވެ! ހުސްވަގުތު އިތުރު ވާނޭ ވާހަކައެވެ. ކޮންމެ ކަމެއް ލުއިގޮތަކަށް ކުރެވޭނެ ކަމުގެ ކަބަރެވެ. އިތުރު އާލާތް މިއަންނަ މަހު ލިބޭނޭކަމުގެ އުފާވެރި ޚަބަރެވެ! ނަމަވެސް އެބުނާ ތަކެތި މިހާރު އެންމެން ގަނެ ގެ ފުރުނު އިރު، އެކަކަށްވެސް ހުސްވަގުތެއް ވާކަމަކަށް ނުވެއެވެ! ސްމާޓް ފޯނުތަކާއި ލެޕްޓޮޕް ކޮންޕިޔުޓަރުގެ ސަބަބުން ގެއާއި އޮފީހާއި ވަކިކުރާ ރޮނގުވެސް ފަނޑުވެ އެފަރާތާއި މިފަރާތް އެއްވެއްޖެކަހަލައެވެ. ދަރީން ނިދަންވެސް ތިބެނީ ފޯނު ހިފާފައި ‘ އޮންލައިން’ ގައެވެ. އާދެ މުޅި ދުނިޔެއާއި ގުޅިފައެވެ!
އަޅުގަނޑަކީ ޔުނިވަރސިޓީއެއްގައި ކިޔަވައިދޭ އުސްތާޒަކީމެވެ. އަދި ތަފާތު ނޫސް މަޖައްލާތަކަށް ލިޔެ އުޅެމެވެ. މިހެން އުޅޭއިރު އެންމެ ބޮޑު މަސައްކަތަކަށް މިވަނީ މެދުނުކެނޑި އަޅުގަނޑަށް ލިބެމުންދާ އިލެކްޓްރޯނިކް ސިޓީތަކެވެ. ކޮންމެ ދުވަހަކު ލިބެމުންދާ އެތައް ސަތޭކަ ސިޓީއެވެ. މިތަކެތި އައުން ހުއްޓުވޭނެ ގޮތެއްވެސް އަޅުގަނޑަކަށް ނުވިސްނުނެވެ! މިހައި ގިނަ ސިޓީ ކިޔައި، ޖަވާބުދީ އުޅުމުގެ ބުރަ މަސައްކަތަކީ ” އިލެކްޓްރޯނިކް ޖިހާދޭ” ވެސް އަޅުގަނޑު އަމިއްލައަށް ކިޔައިފީމެވެ! އެއް ދުވަސްވަރަކު އަޅުގަނޑު ނިންމީ އިލެކްޓްރޯނިކް ސިޓީތަކަށް ޖަވާބު ދޭ ގަޑިއަކީ ދަރިން ނިދުމަށްފަހު ކަމުގައެވެ. އެކުދިން ނިދާވަގުތުން ފެށިގެން އަޅުގަނޑުވެސް ނިދަން ޖެހޭ ގަޑި އަންނައިރުވެސް އެ ސިޓީތައް ކިޔައި ޖަވާބު ދީއެއް ނުނިމެއެވެ! ދެން ވިސްނީ ހަފުތާ ބަންދު ދެދުވަހު އެކަމާއި ނުއުޅެ މަސައްކަތުގަޑީގައި ކުރެވޭތޯއެވެ. އެގޮތެއްވެސް ކާމިޔާބެއް ނުވިއެވެ. ދެން ގިނަ މީހުންނަށް ހިތްވަރު ދިނީ ފޯނުން ގުޅައިލުން، ނުވަތަ ބައްދަލުކޮށްލަން އައުމެވެ! މި ދެގޮތްވެސް މާ ރަނގަޅެއް ނުވިއެވެ. އަމިއްލަ ޝަޚުސީ ކަންކަމުގައި ލިޔާ މީހުންނާއި، ރަސްމީ ކަންކަމުގައި ސިޓީ ލިޔާ މީހުން ހައްތާ ވަނީ ގިނައެވެ. ކޮންމެ މީހަކުމެ ވީ އެންމެ އަވަހަކަށް ޖަވާބެއް ބޭނުންވެއެވެ! އެންމެފަހުން، އަޅުގަނޑުވެސް މިވީ، އަޅުގަނޑަށްވެސް ދެއްވާފައިވާ ސައުވީސް ގަޑިއިރުން ނުފުދޭ މީހަކަށެވެ!
ހަގީގަތަކީ، ވަރަށް ގިނަބަޔަކަށް މިހާރު އާއިލާއެއް ބެލެހެއްޓެން އަންނަނީ ދެތަނުގައި ދެ ވަޒީފާ އަދާކޮށްގެންކަމެވެ. އަޅުގަނޑުމެންގެ ތުއްތުކުދިންގެ ފަސްބައިކުޅަ އެއްބައި ބޮޑުވަނީ ފަގީރުކަމުގެ ތެރޭގައެވެ. އެންމެ ދަށް މުސާރަލިބޭ ކަހަލަ ވަޒީފާގައި ދެގުނަ އިތުރަށް މަސައްކަތް ކޮށްގެން ނޫނީ، މިފަދަ އާއިލާތަކަކަށް ހިންދެމިލެވޭކަށް ނެތެވެ! މިވަރުން އުޅެގެން ސުފުރާމައްޗަށް މި ގެނެވެނީ ކާނާ އާއި ވައްތަރު ތަކެއްޗެވެ! ބައެއް އާއިލާގައި ދެމަފިރިން އެކީގައި ދުވާލު ހަތަރުދަމު މަސައްކަތް ކުރަން އެބަޖެހެއެވެ. ދަރިން އެކަނި، އުޅޭ ނުއުޅޭ ގޮތެއް ބަލާނެ މީހަކު ނެތެވެ! މިއީ ދިރިއުޅުމެއް ނޫނެވެ!
ވަރަށް ގިނަ އިސްލާމީ މުޖްތަމައުތަކުގައި އަރަބި ބަހުން ” ކައިފަ ޙާލުކަ”؟ ނުވަތަ ފާރިސީ ބަހުން ” ޙާލް އެ ޝޯމާ ޗެޓޯރެހް؟” މިހެން ބުނުމުން މި ކުރެވޭ ސުވާލަކީ، ” ހާލު” ގެ ވާހަކައެވެ. ” ހާލު” ކިހިނެއްތޯއެވެ! ސުވާލު ކުރާ މީހާ އެ އަހަނީ ކޮން ހާލެއްގެ ވާހަކަ ކަމަށްތޯއެވެ؟ އެވަގުތު، އަހާ މީހާއަށް އެ ކުރެވޭ ސުވާލަކީ އެވަގުތު، ހަމަ އެ ދަނޑިވަޅުގައި އަނެއްމީހާގެ ހިތުގެ ހާލެވެ. ކޮބާ؟ ހާލު ކިހިނެއްހޭ؟ މިހެން އަހާއިރު މި އެހެނީ، މިވަގުތު މިތަންވަޅު، ކަލާގެ ހިތުގެ ހާލަކީ ކޮބައިތޯ އެވެ!
ތިބާގެ ހާލު އަޅުގަނޑު އަހަން ކުރި ސުވާލުގެ ފަހަތުގައި އޮތީ، ތިބާގެ އިލެކްޓްރޯނިކް ސިޓީ ފޮށީގައި މިހާރު ނުކިޔާ އޮތީ ކިތައް ސިޓީތޯއެއް ނޫނެވެ! ތިބާގެ ‘ ކުރާން ހުރި ކަންކަމުގެ ލިސްޓު” ގައި އަދި ނުކުރެވި ހުރި ކަންކަމުގެ ވާހަކައެއްވެސް ނޫނެވެ! އަޅުގަނޑު އެނގެން ބޭނުމީ ތިބާގެ ހިތުގެ ހާލެވެ! ހިތް އޮތީ އުފަލުން ފޮޅިފައިތޯއެވެ؟ ހިތާމައިން ފޯވެފައިތޯއެވެ؟ ހިތްދަތިކަމުގައި ފިތި ކުނޑިކުނޑިވާން ކައިރިވެފައިތޯއެވެ؟ ތިބާގެ ހިތުގައި ރިހޭނަމަ، އުފަލުން ލަވަ ކިޔާނަމަ، ހިތް ވަކި ކަމަކަށް އެދޭނަމަ، އެވާހަކައެއް ބުނެދޭށެވެ! ނުކުރެވި ހުރި ކަންކަމުގެ ލިސްޓުގެ ބަދަލުގައި ހިތުގެ މަތިން ވިސްނާލާފައި ހިތުގެ ހާލު ބުނެދޭށެވެ! އަޅުގަނޑު ކުރި ސުވާލަކީ އެއީއެވެ!
ތިބާއަކީ އަދިވެސް އިންސާނެއްކަން ހަނދާންހުރިކަން ބުނެދޭށެވެ. ‘ މާ ފުރިހަމަ ‘ މީހަކަށްވާން ތެޅިފޮޅެނީ ނޫންކަމަށް ބުުނާށެވެ! ތިބާއަކީ އިރު އިރުކޮޅާ ކޮންމެވެސް ލިސްޓެއް، ކޮންމެވެސް ތާވަލެއް ކޮންމެވެސް މެސެޖެއް، ވައިބަރ ގުރޫޕެއް ބަލަންޖެހިފައި ހުރި މީހެއް ކަން ނުބުންޏަސް އެންމެ ރަނގަޅެވެ! ހިތުގެ އެންމެ އަޑިން ހިނިތުންވެލެވޭ، ހަމަޖެހިލައިގެން މީހުންނާއި އަނގައިން ބުނެލެވޭ، މީހުންގެ ގައިގައި ޝަރަފުވެރި ގޮތެއްގައި ފިރުމައިލަން ޖެހިލުން ނުވާ މީހަކަށް ވާށެވެ!
އަޅުގަނޑުގެ އަތުގައި ހިފާފައި އަޅުގަނޑުގެ މޫނަށް އިރުކޮޅަކު ބަލައިލާން ޖެހިލުން ނުވާށެވެ. އެންމެ ސިކުންތަކަށް ނަމަވެސް އަޅުގަނޑާއި ހަތަރުކަޅި ބައްދަލު ކޮށްލައި، ތިބާގެ ހިތުގެ ހާލު ނިކަން ބުނެ އަޅުގަނޑުގެ ހިތް ނިދިން ހޭލައްވައިލާށެވެ! އަޅުގަނޑަކީވެސް ހަމަ އިންސާނެއްކަން ހަނދާން ވާވަރަށް އަޅުގަނޑަށްވެސް ސަމާލުކަން ދެއްވާށެވެ! އަޅުގަނޑު ފިސާރި ކަނުލައި އަޑު އަހާނަމެވެ!
އަޅުގަނޑު ކިޔަވައިދޭ ޔުނިވަރސިޓީގައި ދަރިވަރުން އެންމެ ފޯރީގައި ދައްކާ ވާހަކައަކީ، ” ކިޔަވާއިރު ގަދަޔަށް ކިޔަވާފައި، ޕާޓީ ކުރާއިރު ގަދަޔަށް ރާބޮއި ނަށަންވާނެ” ކަމުގެ ވާހަކައެވެ! އަޅުގަނޑުމެން އަރާމު ކުރާ ގޮތަކީވެސް މިހާރު އެއީ އެވެ. ކޮންމެ ކަމެއްވެސް ‘ ގަދަޔަށް’ ކުރުމެވެ. ބަލާ ފިލްމުތަކަކީވެސް ބޭނުމެއް، ވަކި ސަބަބެއް ނެތި ގަދަބަދަވިކަން ދައްކާ ފިލްމުތަކެވެ!
މިދެންނެވި ކަންކަމަށް ޖާދޫވީ ހައްލެއް އަޅުގަނޑުގެ އަތުގައި ނެތްކަމަށް އެންމެ ފުރަތަމަ އެއްބަސް ވާނީ އަޅުގަނޑެވެ! އަޅުގަނޑަށް އެނގި ޔަގީންވާ އެއްޗަކީ، ރީތި އިންސާނީ ދިރިއުޅުމެއް އުޅެން ލިބިފައި އޮތް ފުރުސަތު މިހާރު އަޅުގަނޑުމެންގެ އަތުން ބީވަމުން ދާކަމެވެ! ދިރިއުޅެން އާމްދަނީ ހޯދަން މަސައްކަތް ކުރާއިރުވެސް، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރުމުގައިވެސް، ތަފާތު ގޮތެއް އެބަ ގެންގުޅެން ޖެހެއެވެ! އަޅުގަނޑުމެން ބޭނުމީ އެހެން އިންސާނުންނާއި ގުޅިގެން އެކީގައި އުޅޭށެވެ! ތެޅިފޮޅޭ ދިރިއުޅުމަކަށްވުރެ، މާނަފުން ދިރިއުޅުމެއް އުޅޭށެވެ. ހަލުވި ކޮންޕިޔުޓަރާއި، އެންމެ ފަހުގެ ފޯނަށްވުރެ ފުންކޮށް ދިރިއުޅުމާއި މެދު ވިސްނަންވެއްޖެއެވެ! އިނގިރޭސި ވިލާތުގެ މަޝްހޫރު ޝާއިރު/ލިޔުންތެރިޔާ ޑަބްލިޔު ބީ ޔީޓްސް ވިދާޅުވެފައިވަނީ ” ހަނގުރާމައިގައި ސިފައިންނަށް ބޭނުންޖެހޭ ހިތްވަރަށްވުރެ އަޅުގަނޑުމެންގެ ހަޔާތުގެ އަނދިރި ފަރާތް ބަލައި ދެނެގަތުމަށް، މާ ވަރުގަދަ ހިތްވަރެއް ބޭނުންވެއެވެ!”
ހަމައަށް ނޭވާ ލާނެ ވަގުތެއް ނުލިބިގެން އަޅުގަނޑުމެން ތެޅިފޮޅޭއިރު ހަޔާތުގެ އަނދިރި ފަރާތް ބަލައި ދެނެގަނެވޭނީ ކޮން ގޮތަކުންތޯއެވެ؟
ފުންކޮށް ވިސްނާފައި މިހާރު އަޅުގަނޑު ބޭނުމީ، އަޅުގަނޑުގެ ތުއްތު ދަރިން ދޮންވެއްޔާއި ކަޅުފަހާއި ޗަކަހުގައިވެސް ކުޅޭށެވެ! ބައެއްފަހަރު ކުރާނެ ކަމެއް ނެތިގެން ފޫހިވުމަކީވެސް އެންމެ ރަނގަޅުކަމެއްކަން އެކުދިންގާތުގައި ބުނާނަމެވެ! އެކުދިން ފުރިހަމަ އިންސާނުންނަށް ވާން ދަސްކުރަން އަޅުގަނޑު ބޭނުމެވެ. މަޑުމަޑުން، ހަމަޖެހިލައިގެން އެއް ކުއްޖަކު އަނެއް ކުއްޖެއްގެ ލޮލަށް ބަލާލައި، އަތުގައި ހިފާލައި، ހިތުގެ އަޑިން ހާލު އަހާލައި، އަނެއް ކުއްޖާ ބުނާ އެއްޗެއް އަޑުއަހައިލުން އަޅުގަނޑު ވަރަށް ބޭނުމެވެ.
ތިބާ، މީހެއްގެ ގާތުގައި ‘ ހާލު ކިހިނެއްތޯ؟” އަހައިލާ ހިނދު، ” މިއުޅެނީ ހާދަ ބިޒީކޮށޭ، އެއްތާކު ދެފައި ނުޖަހައޭ” މިކަހަލަ ޖަވާބެއް ދީފިނަމަ ވިދާޅުވާށެވެ. ” އެނގެއެވެ! އެންމެންވެސް ތިޔަފަދަ ހާލެއްގައެވެ، އެކަމަކު އަޅުގަނޑު އަހައިލީ ތިބާގެ ހިތުގެ ހާލެވެ! ހިތުގެ ހާލަކީ މިއަދު ކޮބައިތޯއެވެ؟”
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް