ކައުންސިލް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތަތައް ބަދަލު ގެންނަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާޞުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް އިސްލާޙު ހުށަހަޅައިފި އެވެ. ޕީޕީއެމްގެ ފަރ...

06 Feb 2017 | 20:09

ލޯކަލް ކައުންސިލްތަކުގެ އިންތިހާޞުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމަށް ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް އިސްލާޙު ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ނުވަ ޝަރުތެއް ހިމަނައިފަ އެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ގާނޫނުން އުނިކުރަން ހުށަހަޅައިފަ އެވެ.

މަޖިލީހަށް ހުށަހެޅި އިސްލާހުގައި ކައުންސިލްކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތު ކަމަށް ކަނޑައަޅާފައިވަނީ ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެމީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު ފަސް އަހަރު ފާއިތުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުމެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވުމާއި. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން، އެއްވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިނުވުމުގެ އިތުރުން އެއްވެސް ޖިނާއީ ކުށެއް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކޮށް ދެވުނުތާ ދެ އަހަރު ފާއިތުވާން ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

ކުރީގައި ޝަރުތުގެ ގޮތުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ފުލްޓައިމް ދަރިވަރަކަށް ކައުންސިލަށް ކުރިމަތިނުލެވޭ ގޮތަށް އޮތް ޝަރުތު ވަނީ އުނިކޮށްފަ އެވެ. ބޭރުގެ ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެ މީހަކަށް ކައުންސިލަށް ކުރިމަތިލެވޭނީ އެމީހަކު ދިވެހި ރައްޔިތަކަށްވެ، އެ މީހަކީ ރާއްޖޭގައި ދިރިއުޅޭ މީހަކަށްވާނަމަ ކަމަށް ބުނާ ޝަރުތު ވަނީ އުނިކޮށްފަ އެވެ.

މީގެ އިތުރުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހުންނާއި ޖިނާއީ ކުށެއް އަދަބު ތަންފީޒު ކުރަމުންދާ މީހުންނަށް ބައިވެރިނުވެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި އޮތް ޝަރުތު އޮތީ އުނިކޮށްފަ އެވެ.

އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައި ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކައުންސިލް ކުރިމަތިނުލެވޭ ޝަރުތުތައް ވެސް އޮތީ އުނިކޮށްފަ އެވެ. އަދި ކުޑަކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވާ މީހުންނަށް ކުރިމަތިނުލެވޭ ޝަރުތު އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައި ނުވެ އެވެ.

ޕީޕީއެމް އިން މަސައްަތް ކުރަނީ މި އިސްލާހުތައް އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގެ ކުރިން ފާސް ކުރަންށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް