ރ. މަޑުއްވަރީ ނަރުދަމާ ނިޒާމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މަޑުއްވަރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އާއި މަޑުއްވަރި ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި އެމްޑަބްލިއުއެސްސީގެ އިސް ވެރިންގެ އިތުރުން ރ. އަތޮޅު ކައުންސިލާއި މީދޫ ކައުންސިލްގެ އިސްވެރިންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަނީ މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. އެ މަޝްރޫގެ ދަށުން މަޑުއްވަރީގައި ނަރުދަމާ ހޮޅި އެޅުމާއި ސުވޭޖް ޕަމްޕް ސްޓޭޝަންތައް ބަހައްޓައި އައުޓްފޯލް ސިސްޓަމްއެއް ގާއިމްކުރާނެ އެވެ.
މަޝްރޫއުގެ ޖުމްލަ އަގަކީ 49.9 މިލިއަން ރުފިޔާ އެވެ.
މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ހަމައެކަނި ޕްރޮޖެކްޓްތައް ގާއިމްކުރެވުމުން ނުނިމޭނެ ކަމަށާއި އެފަދަ މަސައްކަތްތަކަކީ ބޮޑު ހަރަދެއް ކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ކަމުން އެފަދަ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގައި ރަށްރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރން ވަނީ މި ހަފްތާތެރޭގައި ހއ. ތުރާކުނާއި، ށ. ކަނޑިތީމުގެ އިތުރުން ރ. މީދޫގައި ވެސް ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފައްޓައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް