ށ. ފިރުނބައިދޫއަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ގޮސް އުޅެނިކޮށް ގެއްލުނު ދ.ކުޑަހުވަދޫ ހިރިނާދޫ، އަބްދުﷲ މާއިލް 24، ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ފުލުހުން އެކަށީގެންވާ ގޮތުގައި ނުދޭ ކަމަށް ބުނެ އާއިލާއިން އެ މަސައްކަތް އަވަސް ކުރުވުމަށް މަސައްކަތް ފަށައިފި އެވެ.
މާއިލްގެ އާއިލާގެ ފަރާތުން އެއްބަނޑު ބޭބެ މުހައްމަދު ޝިފާއު ދުވަހަށް ބުނީ މާއިލް ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ހޯދުމަށް އެތައް ފަހަރަކު ށ. އަތޮޅު ޕޮލިސް ސްޓޭޝަނަށް ގުޅާފައިވާނެ ކަމަށާއި ނަމަވެސް ލިބޭޖަވާބަކީ ހޯދަމުން ދާކަމަށެވެ. ޝިފާއު ބުނީ އާއލާއިން ބޭނުންވަނީ މާއިލް ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތަފްސީލާއި ތަހުގީގުގައި ސުވާލު ކުރަނީ ކޮންބައެއްކަން ކުޑަމިނުން އެނގެން ކަމަށެވެ.
އޭނާ ބުނީ އޭނާ ގެއްލުމުގައި އާއިލާއަށް ޝައްކުކުރެވޭ ގިނަ ކަންތައްތަކެއް ހުރުމުން ފިރުނބައިދޫގައި ހުރި ކައްކާ ހަސަންބެއާއި މާއިލް އެރަށަށް ގެންދިޔަ މީހާ އާއި ސުވާލު ކޮށްދިިނުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއްވެސް ފުލުހުން އާއިލާއާއި ހިއްސާކޮށްފައި ނުވާކަމަށް އޭނާ ބުންޏެވެ.
އެފަދަ އެހެން މައްސަލަތަކާއި މާއިލް ހޯދުމުގައި ފުލުހުން ތަފާތު ކޮށް އަމަލު ކުރާކަމަށް ބުނެ އާއިލާގެ ފަރާތުން ވަނީ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމާ ބައްދަލު ކޮށްފައި އެވެ.
"ސަލީމް އަޅުގަނޑުމެންނަށް ދެއްވީ ފަސް މިނިޓް. މިއުޅެނީ ކޮއްކޮ ގެއްލިގެން. ދާއިރާގެ މެންބަރުގެ އެ ވަގުތު ކޮޅު އެ ވާހަކަ ދައްކަން ވަރަށް ކުޑަ. ވިދާޅުވި ފުލުހުން އެދަނީ ތަހުގީގު ކުރަމުންނެއް ނޫންހޭ، ހޯދަމުންނެތް ނޫންހޭ. މެންބަރުގެ ހައިސިއްޔަތުން މަސައްކަތް ފުޅާ ކުރުމަށް ކޮށްދެވިދާނެ ކަމެއް ވިދާޅުވާނެ ކަމަށް އުންމީދު ކުރީ،" ޝިފާއު ބުންޏެވެ.
އޭނާ ބުނީ މާއިލް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާ ބައްދަލު ކުރަންވެސް އާއިލާއިން މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް އާމިރު ފޯނަށް ޖަވާބު ދީފައިނުވާކަމަށެވެ.
ޝިފާއު ބުނީ ފުލުހުންގެ މަސައްކަތް އަވަސްކުރުމަށް ބާރު އެޅުމަށް މަސައްކަތް ކޮށްދިނުމަށް އެދި ސިޔާސީ ޕާޓީތަކާއި ވެސް ބައްދަލު ކުރަމުން ދާކަމަށެވެ. އެގޮތުން އެމްޑީޕީއާއި ބައްދަލު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
އާއިލާގެ ފަރާތުން ޝިފާއު ބުނީ މާއިލް އެ ރަށަށް ގެންދިޔަ މީހާއާއި އެރަށުގައި ހުރި ހަސަންބެއާއި ދެމީޙުންގެ މައްޗަށް ޝައްކު ކުރެވޭ ކަންތައްތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އެގޮތުން ޅައިމަގުން މާއިލް ފިރުނބައިދޫއަށް ގެންދިޔަ މީހާ އޭނާ ގެންދިޔައީ ހަދަމުންދާ ރިސޯޓަކަށް ކަމަށް ފޯނުން ވާހަކަ ދައްކަމުން މީހެއް ކައިރީ ބުނިކަމަށް ބައެއް މީހުން އާއިލާއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މާއިލް ގެންދިޔައީ މާމަ ބުނެގެން ކަމަށް އޭނާ ބުންޏަސް އެއީ ދޮގެއް ކަމަށާއި، މާއިލް ގެންދިޔައީ އާއިލާގެ އެއްވެސް މީހަކަށް ނޭނގި ކަމަށް ޝިފާއު ބުނެ އެވެ.
"މާއިލް އަކީ މާގިނައިން ވާހަކަ ދައްކާ މީހެއް ނޫން. އޭނަ ހުރެދާނެ ނުބުނެވެސް އެކަކު ކައިރީގައި. އެކަމަކު އޭނާ ފިރުނަބއިދޫއަށް ގެންދިޔަ ދޮންބެ އަށް ގޭ ކޮންމެސް މީހެއް ކައިރީ ބުނެވެން ވާނެ ކަންނޭނގެ. ދެން މާއިލް އެރަށުގައި އުޅެނިކޮށް ބަލިވި ވާހަކަވެސް ހަސަންބެ އެންގީ ދޮންބެއަށް. ކީއްވެ ދޮންބެ އެރަށަށް މާއިލްގެ ހާލު ބަލަން ދިޔަ އިރު އެކަން އާއިލާއަށް ނުވަތަ ކައުންސިލަށް ނާންގަންވީ. އަދި މާއިލް ރަށުގައި ބާއްވާފައި ދިޔަ ފޯނު ފިރުނބައިދޫ ހިފައިގެން އުޅޭ ފުނަދޫ މީހާގެ ގޭގައި ފުނަދޫގައި އޮންނަންވީ ސަބަބެއްވެސް ނޭނގެ. އޭނާ ދޭ މާއިލް އެރަށަށް ގެންދިޔަ ފަހުން ފިރުނބައިދޫއަށް. އެ ދާއިރު ގެންގޮސް ދެވެންވާނެ. މީ ހުސް އަހަރުމެން ހިތުގައި މާއިލް ގެއްލުނު ގޮތާއި މެދު ޝއްކު އުފެދޭ ކަންކަން ހުރި ކަމަށް މިބުނާ ސަބަބުތައް،" ޝިފާއު ބުންޏެވެ.
މާއިލް ހޯދުމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން މާއިލް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބައެއް މީހުންނާއި ސުވާލު ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.
އެ މައްސަލައިގަ އާއިލާއިން ތުހުމަތުގެ އިނގިލި ދިއްކުރާ ހަސަންބެއާއިވެސް ފުލުހުން ސުވާލުކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައި އެވެ. އަދި ޅައިމަގުން މާއިލް ފިރުނބައިދޫއަށް ގެންދިޔަ މީހާއާއިވެސް ފުލުހުން ސުވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މާއިލް ގެއްލިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ހަވީރު 05:30 ހާއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް