ކަސްޓަމްސްގެ މުވައްޒަފުންތަކެއް މަނީ ލޯންޑަރިންގ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނައިރު އެ ތުހުމަތު ކުރެވޭ އެއްވެސް މުވައްޒަފަކު ރިޓަޔަރކޮށްފައިނުވާކަމުގައި ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިހެން ބުނެފައިވަނީ ތުހުމަތުކުރެވޭ ބަޔަކު ރިޓަޔަރކުރިކަމަށްބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.
" ކަސްޓަމްސްގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެވިގެން ، މަނީ ލޯންޑްރިންގ، ޚިޔާނާތް އަދި ރިޝްވަތާގުޅޭގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤެއް ކުރައްވަމުން ގެންދަވާކަމަށް މި ސަރވިސްއަށް ވަނީ އަންގަވާފައެވެ. އަދި މިގޮތުން ތަޙްޤީޤުގައި ހިމެނޭ އޮފިސަރުންކަމަށް އެ ޚިދުމަތުން މައުލޫމާތު ދެއްވާފައިވާ އެއްވެސް އޮފިސަރެއް މި ސަރވިސްއިން ރިޓަޔަރކޮށްފައި ނުވާނެ ވާހަކަ ދެންނެވީމެވެ" ކަސްޓަމްސްއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ކަސްޓަމްސްގެ މުވައްޒަފުންތަކެއް 400 މިލިޔަނެއްހާ ރުފިޔާ އެކި އެކައުންޓްތަކުގައި ދައުރުކޮށް މަނީ ލޯންޑަރިންގ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، 2024 އޯގަސްޓް 19 ވަނަ ދުވަހު އެ މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް