އިންޑިއާއާ މެދު ސަރުކާރުގެ ވެރިން ކުރި ފުރައްސާރަ ކުރީގެ ރައީސް ސޯލިހް ކުށްވެރިކުރައްވައިފި

އިންޑިއާ އަދި އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއާ މެދު ދިވެހި ސަރުކާރުގެ ވެރިން ކުރިން ފުރައްސާރައާއި މަލާމާތް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ. އެކަން ...

07 Jan 2024 | 15:38

އިންޑިއާ އަދި އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީއާ މެދު ދިވެހި ސަރުކާރުގެ ވެރިން ކުރިން ފުރައްސާރައާއި މަލާމާތް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ.

އެކަން ކުށްވެރިކުރައްވާ އެކްސްގައި ކުރެއްވި ފޯސްޓެއްގައި ސޯލިހް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި، މިފަދަ ހަރުކަށި ވާހަކަތަކުން ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރިކަމަށް ނޭދެވޭ އަސަރެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ހުތުރު ބަހުން ވާހަކަ ދެއްކި އިސް ވެރިންނަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންވެސް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ޑިޕްލޮމެސީ އާއި އެހެން ގައުމުތަކަށް އިހުތިރާމް ކުރުމަކީ އަބަދުވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށެވެ. ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި، ތަހުޒީބު ކޮންމެ ޤައުމަކުންވެސް ޤަބޫލުކުރާ ފަދައިން، ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް މި އަސާސްތައް ދަމަހައްޓާފައިވާކަމަށް އެމްޑީޕީ އިން ބުންޏެވެ.

ނަމަވެސް އެމްޑީޕީ އިން ބުނީ ސަރުކާރުގެ އިސް ވެރިން އިއްޔެ ހިންގި އަމަލުތަކަކީ އެކަހެރި ހާދިސާތަކެއް ނޫން ކަމަށާއި އެއީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ނަފްރަތު އުފެއްދުމުގެ ކެމްޕޭނެއްގެ ނަތީޖާ ކަމަށެވެ.

"ޑިޕްލޮމެޓިކް އަޚްލާޤާއި ޕްރޮފެޝަނަލިޒަމް ނެތުމާއި، ސަރުކާރުގެ އިސްވެރިންގެ ނާޤާބިލުކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ފެންވަރު ބަދަލުނުކުރެވޭ ވަރަށް ހަލާކުވެގެން ހިނގައްޖެ." އެމްޑީޕީ އިން ބުންޏެވެ.

ރައްޔިތުންގެ މަޞްލަޙަތަށް ސަރުކާރުން ވިސްނާފައި ނެތުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީ އިން ބުންޏެވެ. އެމްޑީޕީ އިން ބުނީ އެ ޕާޓީ އިން ސަރުކާރަށް ހަނދާންކޮށްދޭން ބޭނުންވަނީ އެބޭފުޅުންގެ ޢަމަލުތަކުގެ ސަބަބުން ދިވެހި ލޮބުވެތި ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ނަތީޖާތަކެއް އެބަ ހުރި ކަމަށެވެ.

އަދި އެކަށީގެންވާ ފިޔަވަޅެއް އަޅައި، ސަރުކާރުގެ އިސް މަޤާމުތަކުން މި ބޭފުޅުން ވަގުތުން ދުރުކުރުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް