މޯދީއަށް މަލާމާތްކޮށް ފުރައްސާރަކުރި ސަރުކާރު މުވައްޒަފުން ސަސްޕެންޑް ކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތްކޮށް ފުރައްސާރަކުރި ސަރުކާރު މުވައްޒަފުން ސަސްޕެންޑް ކޮށްފިއެވެ. އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތި...

07 Jan 2024 | 12:22

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތްކޮށް ފުރައްސާރަކުރި ސަރުކާރު މުވައްޒަފުން ސަސްޕެންޑް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އާއި އަބްދުﷲ މަހްޒޫމް މާޖިދެވެ. އެ މުވައްޒަފުން ސަސްޕެންޑް ކޮށްފައިމިވަނީ މޯދީއާއި އިންޑިއާއަށް ބަދު ބަސްތަކެއް ބުނުމުގެ ސަބަބުން އެމީހުން ވަޒީފާއިން ވަކި ކުރުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ ބަސްތައް ކުށްވެރިކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބޭރުގެ ލީޑަރުންނާއި މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު ދަށު ދަރަޖައިގެ ބަހުން ދައްކަމުން ދާ ވާހަކަތަކަކީ އެމީހުންގެ އަމިއްލަ ޚިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ޚިޔާލުތަކެއް ނޫން ކަމަށެވެ.

އެފަދަ ދަށު ދަރަޖައިގެ ވާހަކަ ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފަސްނުޖެހޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މޯދީއާ ދިމާލަށް ބުނި ދަށު ދަރަޖައިގެ ބަސްތަކަށް ސަރުކާރުގެ އެއްވެސް އިސް އޮފިޝަލަކު މިހާތަނަށް މައާފަށް އެދިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް