ދީނާއި ގުޅުވައި ޓުނީޝާގެ މަރުގެ ޒިންމާ ޝީޒަންގެ މުޅި އާއިލާގެ ބޮލުގައި އަޅުވައިފި!

އިންޑިއާގެ ޓިވީ ޗެނަލް، ސޮނީ ސަބުން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާއެއް ކަމަށްވާ “އަލީ ބާބާ- ދާސްތާން އޭ ކާބުލް” ގެ ބަތަލާ ޓުނީޝާ ޝަރްމާ މަރުވުމުގެ ޒިންމާ އެ ސިލްސިލާގެ ބަތަލް ޝީޒާން މުހައްމަދު ހާންގެ...

07 Jan 2023 | 18:37

އިންޑިއާގެ ޓިވީ ޗެނަލް، ސޮނީ ސަބުން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާއެއް ކަމަށްވާ “އަލީ ބާބާ- ދާސްތާން އޭ ކާބުލް” ގެ ބަތަލާ ޓުނީޝާ ޝަރްމާ މަރުވުމުގެ ޒިންމާ އެ ސިލްސިލާގެ ބަތަލް ޝީޒާން މުހައްމަދު ހާންގެ މުޅި އާއިލާގެ ބޮލުގައި އަޅުވައިފި އެވެ.

އެ ޑްރާމާ ސިލްސިލާގެ ސެޓުގައި ޝީނީޒްގެ މޭކަޕް ރޫމްގައި ޓުނީޝާ ދަންޖެހިގެން މަރުވެފައި ހުއްޓަ ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ މަރުވެފައި ހުއްޓަ ފެނުނީ ޝޫޓިންގެ މެދު ތެރެއިން ފާހާނާއަށް ގޮސް އަންނާނެ ކަމަށް ބުނެ ދިޔަ ގޮތަށް ނައިސްގެން ހޯދަމުން ދަނިކޮށެވެ.

އެ ދެމީހުން ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވީ ޓުނީޝާ މަރުވުވުމުގެ 15 ދުވަސް ކުރިން ކަމަށްވެ އެވެ.

މި މައްސަލައިގަ ޓުނީޝާގެ މަންމަ ވަނީތާ، ޝީޒަން އާއި ދެކޮޅަށް މައްސަލަ ހުށަހެޅުމުން ޖެހިގެން އައި ދުވަހު އޭނާ ވަނީ ހައްޔަރު ކޮށްފައި އެވެ. އަދިވެސް އޭނާ ފުލުހުންގެ ބަންދުގައި ހުރި އިރު ކަފާލާތުގެ ދަށުން މިނިވަން ކުރުމާއި މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް އިއްޔެ ވަނީ ފަށާފައި އެވެ.

މި މައްސަލައިގަ ކޮންމެ ދުވަހަކު އާ ވާހަކަތަކެއް ފުލުހުންގެ ފަރާތުންނާއި އެކި މީހުންގެ ފަރާތުން ތިލަވަމުންދާއިރު އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ޝީޒަންގެ އާއިލާގެ ބޮލުގައި ޓުނީޝާގެ މަރުގެ އިލްޒާމް އެޅުވީ އޭނާގެ މަންމަ އެވެ. ވަނީތާ ބުނީ ޓުނީޝާ އަމިއްލައަށް ދަން ޖެހުނީ ގޮތް ހުސްވެ، ޝީޒަންގެ އާއިލާއިން ކުރުވި މަޖުބޫރު ތަކާއި ގުޅިގެން ކަމަށެވެ.

އޭނާ ބުނީ ޝީޒަންގެ އާއިލާއިން ޓުނީޝާގެ ދީން ބަދަލުކޮށް މުސްލިކަމަށް ހަދަންވެގެން ބުރުގާވެސް އެޅުވި ކަމަށާއި މަރުވުމުގެ ދެ މަހެއްހާ ދުވަސް ކުރިން އޭނާ ވަރަށް ގިނައިން އުރުދޫ ބަހުން ވާހަކަ ދައްކަންވެސް ފެށި ކަމަށެވެ. އުރުދޫ ބަހުން ވާހަކަ ދައްކަނީ ޝީޒަން އިންނާނަމޭ ބުނެފައި އޮތުމުން އެ އާއިލާ އާއި އެކު އުޅެން ދަސްކުރުމުގެ ގޮތުން ކަމަށް ބުނި ކަމަށެވެ.

ވަނީތާ ބުނީ ޓެޓޫ ޖެހުމަކީ އޭނާ ވަރަށް ފޫހިވާ ކަމަކަށް ވިޔަސް ޝީޒަންގެ ދައްދަގެ އެދުމަށް ޓުނީޝާ ޓެޓޫވެސް ޖެހި ކަމަށެވެ. އަދި އެގެއަށް ވަރަށް ގިނައިން ގެންދާ ކަމަށާއި ގެންގޮސް ޓުނީޝާ ކައިރީގައި ޝީޒަންގެ އެހެން ލޯބިވެރިންގެ ވާހަކަ އޭނާގެ މަންމަ ދައްކާފައި ހުރި ކަމަށް ބުނި ކަމަށެވެ.

ޓުނީޝާގެ ވާހަކަތަކުން ޝީޒަން މަސްތުވާއެއްޗެހި ބޭނުން ކުރާކަންވެސް އެނގުނު ކަމަށް ވަނީތާ ބުނެފައިވެ އެވެ. އަދި އޭގެ ތެރެއަށް ޓުނީޝާ ވެއްދުމުގެ ގޮތުން ސިނގިރޭޓު ބޯން ދަސްކޮށްދިން ކަމަށްވެސް ތުހުމަތު ކުރި އެވެ. މީގެ އިތުރުން ތިން މަސް ތެރޭގައި އޭނާ ޓުނީޝާއަށް ފޮނުވި ތިން ލައްކަ އިންޑިއަން ރުޕީސްއަށް ވީގޮތް ނޭނގުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން މަރުވި ދުވަހު ދަން ޖެހުމުގެ ކުރިން ދެ މީހުން މެންދުރު ކާން ތިބީ ޝީޒަންގެ މޭކަޕް ރޫމްގައި ކަމަށް ކްރޫއިން ބުނެފައިވާއިރު އެ ގަޑީގައި މަރުވުމުގެ ކުރިން ޝީޒަން ގެންގުޅޭ ވަގު ލޯބިވެރިޔާ އާއި އެކު ފޯނުން މެސެޖުކޮށްގެން ކޮށްފައިވާ މުއާމަލާތްތައް ޓުނީޝާއަށް ފެނުމަކީ އޭނާ ދަންޖެހުނު ސަބަބު ކަމަށް ބުނެފައިވެ އެވެ.

ވަނީތާ ބުނީ ޓުނީޝާ ދަންޖެހިފައި ހުއްޓަ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައީވެސް ޝީޒަން ކަމަށެވެ. އަދި އެ ތާ ކައިރި ހޮސްޕިޓަލަކަށް ގެންދިއުމުގެ ބަދަލުގައި ޝީޒަން އޭނާ ގެންދިޔައީ ވަރަށް ދުރުގައި ހުރި ހޮސްޕިޓަލަކަށް ކަމަށާއި އެކަމުގައިވެސް އަޑިނޭނގޭ ކަންތައްތަކެއް ވާ ކަމަށެވެ.

މި ހުރިހާ ތުހުމަތެއް ޝީޒަންގެ އާއިލާއިން ވަނީ ދޮގުކޮށްފައި އެވެ. އެ އާއިލާއިން ބުނީ ޓުނީޝާ އިސްލާމް ދީނަށް ވައްދަން އެމީހުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ނުވަތަ ނަސޭހަތެއްވެސް ނުދޭ ކަމަށް ބުންޏެވެ.

ޝީޒަން ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވަނީ ޓުނީޝާ އާއި ރުޅިވީ ދެ ދީނުގެ ދެމީހުންނަށް ވުމާއި، މިދިޔަ އަހަރު ނޮވެމްބަރުގައި އިންޑިއާގެ މުސްލިމް ފިރިހެނަކު މަރާލި އޭނާގެ ހިންދޫ ދީނުގެ އަންހެން ލޯބިވެރިޔާގެ ހާދިސާ ހިނގާދިޔަ ގޮތުން ބިރުން ކަމަށެވެ. އެފަދަ ނަޒަރަކުން އޭނާ އާއި މެދު މީހުން ދެކެފާނެތީ ބިރުގަތީ ކަމަށް ބުންޏެވެ.

މި މައްސަލައިގަ ގިނަ ބަޔަކު ދަނީ ޓުނީޝާގެ އާއިލާއަށް ފާޑުކިޔަމުންނެވެ. އެގޮތުން ޓުނީޝާ މަރާލީ ޝީޒަން ކަމަށްނުވާއިރު ހައްޔަރުގައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެވެ. އަދި އޭނާ ދަންޖެހުނީ އަމިއްލައަށް ކަމަށާއި، އޭގައި ޝީޒަން ޒިންމާ ނަގަން ނުޖެހޭނެ ކަމަށް މީހުން ބުނެ އެވެ.

ޓުނީޝާއަކީ ކުޑަ ކުއްޖަކަށް ނުވާއިރު މީހަކު ކަންތައް ކުރާ ގޮތަކުން ނުވަތަ ލަނޑެއް ލިބޭއިރަށް އަމިއްލައަށް މަރުވާން ނިންމުމަކީ ހައްލު ނޫން ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް