ޔުނައިޓެޑުން ދިން މުސާރައާއި އެއްވަރުގެ މުސާރައެއް ރޮނާލްޑޯއަށް ހުށައެޅިން، ނަމަވެސް ޤަބޫލެއް ނުކުރި - ކޮރިންތިއަންސްގެ ރައީސް

މެންޗެސްޓަރ ޔުނައިޓެޑުން ދޭ މުސާރައާއި އެއްވަރުގެ މުސަރައެއް ލިބޭ ހުށައެޅުމެއް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހުށައެޅިން ކަމަށާއި ނަމަވެސް އޭނާ އެ ހުށައެޅުން ގަބުލު ނުކޮށް ދައުދީ ކުލަބް އަލް ...

07 Jan 2023 | 15:51

މެންޗެސްޓަރ ޔުނައިޓެޑުން ދޭ މުސާރައާއި އެއްވަރުގެ މުސަރައެއް ލިބޭ ހުށައެޅުމެއް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހުށައެޅިން ކަމަށާއި ނަމަވެސް އޭނާ އެ ހުށައެޅުން ގަބުލު ނުކޮށް ދައުދީ ކުލަބް އަލް ނަޞްރަށް ބަދަލުވީކަމަށް ބްރެޒިލްގެ ކުލަބް ކޮރިންތިއަންސްގެ ރައީސް ޑޫއިލިއޯ މޮންޓެއިރޯ އަލްވޭސް ބުނެފިއެވެ.

ރޮނާލްޑޯއަށް ހުށައެޅުން ދިންކަން ކަށަވަރުކޮށްދެމުން ޑޫއިލިއޯ މޮންޓެއިރޯ އަލްވޭސް ބުނީ ރޮނާލްޑޯ ޔުނައިޓެޑުގެ އެއްބަސްވުން އުވާލުމާއި އެކު ޔުނައިޓެޑާއި އެއްވަރުގެ މުސާރައެއް ލިބޭ ހުށައެޅުމެއް ރޮނާލްޑޯއަށް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް  އަލް ނަސްރުން 20 ގުނަ އިތުރު މުސާރައެއް ހުށަހެޅުމުން ރޮނާލްޑޯ އެމީހުންގެ ހުށައެޅުން ގަބޫލު ނުކުރީކަމަށެވެ.

ބްރެޒިލްގެ މިޑިއާއެއް ކަމުގައިވާ ޑޮނޮސް ޑަ ބޯލާ އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ ރޮނާލްޑޯ ހޯދުމަށް ކޮރިންތިއަންސް އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ރޮނާލްޑޯ ބޭނުން ނުވުމުން އެކަން ކާމިޔާބު ނުވީކަމަށެވެ. އަލް ނަޞްރުން ރޮނާލްޑޯއަށް ހުށައެޅީ އޭނާ ބޭނުންވާ ވަރަށްވުރެ ބޮޑު މުސާރައެއް ކަމަށާއި ނަމަވެސް ރޮނާލްޑޯއަށް އަލް ނަޞްރުން ހުށައެޅިވަރުގެ މުސާރައެއް ހުށައެޅޭނެހާ ތަނަވަސްކަން ކޮރިންތިއަންސްގައި ނެތުމުން އެކަން އެގޮތައް ދިމާވީ ކަމަށް ޑޫއިލިއޯ މޮންޓެއިރޯ އަލްވޭސް ބުންޏެވެ.

"އަހަރެމެން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޮފާކުރިން. ޔުނައިޓެޑުން ލިބުނު މުސާރައާ އެއްވަރުގެ މުސާރައެއް ލިބޭ އޮފާއެއް އެއީ. ސްޕޮންސަރުންގެ އެހީގައި ދެ އަހަރުގެ އެއްބަސްވުމެއް ދޭން އަހަރެމެން ނިންމިން. ނަމަވެސް އަލް ނަޞްރުން އަހަރެމެންނަށްވުރެ އެތައްގުނައެއް ބޮޑު އަދަދެއް ހުށައެޅީމަ އެކަން ނުވީ." ކޮރިންތިއަންސްގެ ރައީސް ޑޫއިލިއޯ މޮންޓެއިރޯ އަލްވޭސް ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނީ ޔޫރަޕުގެ ކުލަބުތަކުން ވެސް ރޮނާލްޑޯއަށް ހުށައެޅުންތައް ލިބުނު ކަން އެނގޭ ކަމަށާއި ނަމަވެސް ސައުދީ ކުލަބުން ހުށައެޅި ބޮޑު މުސާރައަށް ރޮނާލްޑޯ ޔޫރަޕްގެ ކުލަބުތަކުން ހުށައެޅި ހުށައެޅުންތައްވެސް ގަބޫލު ނުކުރީކަމަށެވެ.

ރޮނާލްޑޯ މިދިޔަ ހަފްތާގައި ހިލޭ ޓްރާންސްފާގައި އަލް ނަސްރުއާ ގުޅުނުއިރު އޭނާ ވަނީ މިހާރު އެ ކްލަބާއެކު ފަރިތަކުރުންތައް ވެސް ފަށާފައެވެ. ރޮނާލްޑޯ އަލް ނަޞްރަށް ސޮއިކުރީ ނިމިގެން ދިޔަ ހަފްތާގެ ހުކުރު ދުވަހުގައެވެ. އޭނާ އެ ކުލަބަކަށް ސޮއިކުރީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ މުސާރައަކަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް