ސްޓެލްކޯއިން ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ މި ޚިދުމަތް ގުޅީގައި ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ގުޅީގައި ދޭންފެށި މި ހިދުމަތާއި އެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
އެގޮތުން ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރުމާއެކު، ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ.
މީގެ އިތުރުން ސްޓެލްކޯއިން ބުނީ އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ބޭންޑް A އަށް ދިހަ ރުފިޔާ، ، ބޭންޑް B އަށް ބާރަ ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް ތޭރަ ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރެވިގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
ސްޓެލްކޯއިން ބުނީ އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް މިވަގުތު އެ ކުންފުނިން ދެމުން ގެންދަނީ ގުޅީގެ އިތުރުން، އދ. މަހިބަދޫ އާއި ކ. ގާފަރުގައި ކަމަށެވެ.
މީގެ އިތުރުންވެސް އެ ކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ސްޓެލްކޯއިން ބުނީ ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 ކަމަށެވެ. ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުންވެސް މި ހިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް މި ހިދުމަތް އެ ރަށުން ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް