އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު އެމީހަކު ދިރިއުޅޭ ރަށަކުން ލިބެން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި އެ އަތޮޅު ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައެވެ.
އެގޮތުން ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކޮންމެ މީހަކަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކީގައި އެމީހަކު ދިރިއުޅޭ ރަށަކުން އެމީހަކަށް ލިބެން ޖެހޭނެކަމަށެވެ.
އަދި އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންފެށި މަސައްކަތް ބާރު ސްޕީޑްގައި މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކެނދިކުޅުދޫއަކީ މުސްތަގުބަލު އޮތް ރަށެއް ކަމަށް ވިދާޅުވެ ރައީސް ފާހަގަކުރެއްވި ގޮތުގައި ބައެއް ސަބަބުތަކާ ހުރެ ބައެއް ޕްރޮޖެކްޓްތައް މަޑުޖެހިފައި އެބަހުރި ކަމަށާއި ކެނދިކުޅުދޫގެ ނަރުދަމާއަކީ އެފަދަ މަސައްކަތެއް ކަމަށް ވިދާޅުވެފައި ވެއެވެ.
ހަމައެހެންމެ ނަރުދަމާ މަޝްރޫޢުއާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި ފެނާއި ނަރުދަމާގެ ހިދުމަތް އެ ރަށަށްވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކެނދިކުޅުދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށާއި ދާދި އަވަހަށް އެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް