ސިޓީ ކައުންސިލުން ޓެލެތޯން ބާއްވާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވެއްޖެ

މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މިވީ 3 އަހަރުގެ ތެރޭގައި 3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކޮށްފައިވާއިރު އެފައިސާގެ ބޭނުން ނުކޮށް މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރުމަށް ކަމ...

07 Jan 2023 | 12:09

މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މިވީ 3 އަހަރުގެ ތެރޭގައި 3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކޮށްފައިވާއިރު އެފައިސާގެ ބޭނުން ނުކޮށް މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރުމަށް ކަމަށް ބުނެ ޓެލެތޯނެއް ބާއްވާތީ އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ދަޢުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރުއެވެ.

ޑރ. ޒާހިރު ވިދާޅުވީ 2020 ވަނަ އަހަރު މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލަށް ދޫކޮށްފައިވާނެކަމަށެވެ.

އަދި ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށައެޅުމަށް އެންގުމުން އެގޮތަށް ޢަމަލުނުކުރުމުން 2021 ވަނަ އަހަރުވެސް އެފައިސާ ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް 2021 ވަނަ އަހަރުވެސް އެފާއިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ހުށަނާޅާތީ ސުވާލުކުރުމުން ސިޓީ ކައުންސިލުން އެފައިސާ ބޭނުން ނުކުރާ ކަމަށާއި އެފައިސާ އެބަހުރިކަމަށް އޭރު ބުނެފައިވާ ކަމަށް ޒާހިރު ވިދާޅުވެފައި ވެއެވެ.

އަދި  2022 ވަނަ އަހަރުވެސް 2 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކަނޑައަޅާ، އެކަން ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން މިވޭތުވެދިޔަ 3 އަހަރު ތެރޭގައި މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާއި މަރާމާތު ކުރިކަމުގެ އެއްވެސް މަސައްކަތެއް ކުރިކަން މާލެ ސިޓީ ކައުންސިލުން އެއްވެސް ގޮތަކަށް އިސްލާމިކް މިނިސްޓްރީއާއި ހިއްސާކޮށްފައިނުވާކަން އެމިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް