ޔޫއޭއީގެ ދުބާއީ އާއި އަންޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ފަށަން ފްލައި ދުބާއީން ދަތުރުތައް ފެށުން ފަސްކޮށްފި އެވެ.
އެ އެއާލައިނުން ނިންމާފައި އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ދަތުރުތައް ފަށާށެވެ. އެކަމަކު މިހާރު އެ ނިންމުން ބަދަލު ކޮށް ދަތުރުތައް ފަށާ ތާރީހު އަންނަ ޖޫން މަހުގެ24 އަށް ވަނީ ބަދަލުކޮށްފައި އެވެ.
ފްލައި ދުބާއީގެ ރާއްޖޭގެ އެޖެންޓު އިނާ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫއަށް ކުރާ ފްލައި ޑުބާއީގެ ދަތުރުތައް ފެށުން ފަސްކުރަން އެ އެއާލައިނުން ނިންމީ ދަތުރުތައް މާކެޓްކުރަން އިތުރު ވަގުތު ބޭނުންވާތީ އެވެ. މިގޮތުން އަށް މަންޒިލެއްގައި އޮންނަ ޓްރެވަލް އެކްސްޕޯތަކެއްގައި ބައިވެރިވެ، ރާއްޖެއަށް އެ އެއާލައިނުން ކުރާ ދަތުރުތައް އިޝްތިހާރު ކުރުމަށް ފްލައި ޑުބާއީ އިން ވަނީ ނިންމާފަ އެވެ.
އެ މަންޒިލުތަކަކީ މެޑްރިޑް، ޒިއުރިޗް، މޮސްކޯ، ބާލިން، ކޭޕް ޓައުން، އަލްމަޓީ، ޑުބާއި އަދި ރިޔާދެވެ.
ފެބްރުއަރީގެ ދަތުރުތަކަށް މިހާރު ޓިކެޓު ނަގާފައިވާ މީހުން މި މުއްދަތުގައި ދަތުރުކުރަން ބޭނުންވާނަމަ ހިލޭ ޑޮމެސްޓިކް ޓިކެޓްގެ އިތުރުން ދުބާއީގައި ދެ ދުވަހު ހުރުމުގެ ހަރަދު ހިލޭ ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވެ އެވެ.
މިހާރު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރާ ހަމައެކަނި ބައިނަލްއަގުވާމީ އެއާލައިނަކީ ސްރީލަންކަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް