އަނބިންނާއި، ފިރިންނަށް ބޮޑު މުސާރައާ އިނާޔަތް ދިނުމަކީ މީހުން މެނޭޖް ކުރުމެއްނޫން: ދިޔާނާ

ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދުކޮށްގެން ތިމާގެ އަނބިންނާއި، ފިރިންނަށް ބޮޑު މުސާރައާއި އިނާޔަތްލިބޭ ވަޒީފާ ދިނުމަކީ މީހުން މެނޭޖު ކުރުން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއް...

07 Jan 2023 | 08:58

ދައުލަތުގެ މާލިއްޔާއިން ބޮޑު ޚަރަދުކޮށްގެން ތިމާގެ އަނބިންނާއި، ފިރިންނަށް ބޮޑު މުސާރައާއި އިނާޔަތްލިބޭ ވަޒީފާ ދިނުމަކީ މީހުން މެނޭޖު ކުރުން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ އެންމެ ރަނގަޅު ވެރިކަމެއް ކުރެއްވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެ އިއްޔެ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން އެންމެ ރަނގަޅު ވެރިކަމެއް ކުރެވެނީ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމީ ޒަމާނުއްސުރެ އިންސާނުން ޤަބޫލު ކުރަމުން އަންނަ ހަގީގަތެއް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ ދިޔާނާ ވިދާޅުވީ އެންމެ ރަނގަޅު ވެރިކަމަކީ އެ ވެރިކަމުން ރައްޔިތުންނަށް މަންފާ ފޯރުވައިދޭ ވެރިކަން ކަމަށެވެ.

އަދި ރަނގަޅު ވެރިކަމުގެ މިސާލު ނަންގަވައި ދިޔާނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތަޢާރަފްކުރި ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.

މިގޮތުން އާސަންދަ ހިދުމަތާއި، އިސްރަށްވެރިންގެ އިނާޔަތާއި، އެކަނިވެރި މައިންނަށް ދޭ އިނާޔަތާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތާއި އަދި ރަށު ބަންދުން ވީއްލުވައިދިން ދަތުރުފަތުރުގެ ނިޒާމު ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ދިޔާނާ ވިދާޅުވީ، ވަޒީރުން އިތުރު އަނބިންނާއި، ފިރިން ގެންގުޅެން ފަހިކުރަން އެ އަނބިންނާއި ފިރިންނަށް ދައުލަތުގެ މާލިއްޔަތުން ބޮޑު މުސާރައާއި، އިނާޔަތް ލިބޭ ވަޒީފާއާއި، "ޕްރޮޖެކްޓް" ދިނުމަކީ މީހުން މެނޭޖް ކުރުމެއްނޫން ކަމަށާއި އެއީ ކޮރަޕްޝަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް