އެމެރިކާގެ ސްކޫލެއްގައި ޓީޗަރު ގަޔަށް ބަޑި ޖަހައިގެން، ހަ އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

އެމެރިކާގެ ސިޓީއެއް ކަމަށްވާ ނިއުޕޯޓުގެ ސްކޫލެއްގައި ކުޑަކުއްޖަކު، ޓީޗަރެއްގެ ގަޔަށް ބަޑި ޖަހައި ޒަހަމް ކޮށްލައިފި އެވެ. މި ހާދިސާ ހިނގީ އެ ސިޓީގެ ރިޗްނެކް އެލަމެންޓްރީ ސްކޫލްގައި އެވެ. މި ހާދިސާގައި ...

07 Jan 2023 | 06:00

އެމެރިކާގެ ސިޓީއެއް ކަމަށްވާ ނިއުޕޯޓުގެ ސްކޫލެއްގައި ކުޑަކުއްޖަކު، ޓީޗަރެއްގެ ގަޔަށް ބަޑި ޖަހައި ޒަހަމް ކޮށްލައިފި އެވެ.

މި ހާދިސާ ހިނގީ އެ ސިޓީގެ ރިޗްނެކް އެލަމެންޓްރީ ސްކޫލްގައި އެވެ. މި ހާދިސާގައި އަނިޔާވީ އުމުރުން 30ގެ އަހަރުތައް ގުނަމުންދާ އަންހެން ޓީޗަރެކެވެ.

ޓީޗަރު ގަޔަށް ބަޑި ޖެހީ އުމުރުން އެންމެ ހަ އަހަރުގެ ކުއްޖެކެވެ. މި މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ ޓީމުން އެ ކުއްޖާ ހައްޔަރު ކުރުމަށް ފަހު ބުނީ އެއީ އޮޅިގެން ވީކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އެ ކުއްޖާ ޓީޗަރަށް ބަޑިން ހަމަލާދިނީ ގަސްދުގައި ކަމަށް ފުލުހުން ގަބޫލު ކުރާ ސަބަބަކީ ސްކޫލަށް ބަޑި ގެންދިއުމާއި ސީދާ ވަކި ޓީޗަރެއްގެ ގަޔަށް އަމާޒުކޮށް ކުއްޖާ ބަޑި ޖެހުމުންނެވެ.

ޓީޗަރަށް ސީރިއަސް ޒަހަމްތަކެއް ލިބިފައި ވީނަމަވެސް ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާއަށް ފަރުވާދޭ ހޮސްޕިޓަލުން ބުނެ އެވެ.

މި ހާދިސާ އާއި ގުޅިގެން އެ ސްކޫލްގެ ކިޔެވުމުން އަންނަ ހޯމަ ދުވަހު ނުބާއްވަން ވަނީ ނިންމާފައި އެވެ. އަދި ސްކޫލަކީ ރައްކާތެރި މާހައުލެއްކަން އެހެން ބެލެނިވެރިންނަށް ޔަގީން ކޮށްދިނުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ކައުންސިލިން ދިނުމުގެ ޕްރޮގްރާމްތަކެއް ވަގުތުން ވަނީ ފަށާފައި އެވެ.

އެ ސްކޫލުން ބުނީ މި ހަމަލާއަށް ފަހު ސަލާމަތީ ގޮތުންވެސް ސްކޫލަށް ވަދެ ނުކުމެވުން ހަރުކަށި ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް