އިންޓަރނެޓްގެ ސްޕީޑު އަވަސްކޮށް، އިންޓަރނެޓްގެ އަގު ކުޑަކުރީ މިސަރުކާރުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކޮމަންޑު ދާއިރާގެ ކެނޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިއަދު އިންޓަރނެޓް އަގު ބޮޑުވެގެން ނެޓް ސްލޯވެގެން އުޅޭ އެއްވެސް މީހަކު ނެތްކަމަށެވެ.
"އެކަން ނުވެ ލަސްވަމުން ލަސްވަމުން ދަނިކޮށް އެކަން ކުރެއްވީ މިނިސްޓަރ ޝައުނާ ވަޑައިގެން. ސަރުކާރުން އިންޓަރނެޓްގެ އަގުހެޔޮކުރުމަށް ވެފައިވާ ވައުދު ވަނީ ފުއްދިފަ." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ފޯރުކޮށްދޭ އިންޓަރނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނަވާފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.
މިބަދަލުތަކުގެ ތެރެއިން ގޭގެއަށް ފޯރުކޮށްދޭ ރެސިޑެންޝަލް ޕެކޭޖްތަކުގެ އަގު ވަނީ 28 އިންސައްތައާއި 30 އިންސައްތައަށް ކުޑަކޮށް، ގޭގެއަށް އިންޓަރނެޓް ދެވޭނެ އެންމެ ދަށް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ވެސް ސަރުކާރުން ކަނޑައަޅުއްވައި، ވަނީ އިޢުލާން ކުރައްވާފައެވެ.
ސަރުކާރުން އިއުލާންކުރެއްވި އައު ސިޔާސަތުގައިވާ ގޮތުން އެންމެ ކުދި ޕެކޭޖްތަކަށް ވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭނެއެވެ. އަދި 300 ރުފިޔާއަށް ވުރެ މަތީގެ ޕެކޭޖްތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް