ނައިޓްމާކެޓް ނުބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭ އިން މިގޮތަށް އަންގާފައި މިވަނީ މާލެ ސިޓީ ކައުސިލުން ކުރިއަށް ގެންދާ ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމަށްފަހުއެވެ.
ދާދި ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑްގެ ޙާލަތު މާލެ ސަރަހައްދުގައި ގޯސްވަމުންދާތީ، މާލެ ސަރަހައްދުގައި މަގުމަތީ ބާޒާރުތަކާއި، ގިނަ މީހުން އެއްވާ އިވެންޓްތަކާއި ހަފްލާތައް ނުބޭއްވުމަށް، 5 ޖެނުއަރީ 2022 ގައި މާލެ ސިޓީ ކައުންސިލްއަށް އަންގާފައިވާކަމަށެވެ.
އެހެންނަމަވެސް 6 ޖެނުއަރީން ފެށިގެން ނައިޓް މާކެޓް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް އަނބުރާ ނުލިބޭނެ ވަރަށްގިނަ ޚަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް 6 ޖެނުއަރީ 2022 ގައި ހުއްދަ ދެވިފައިވާނެ ކަމަށެވެ.
އެޗްޕީއޭ އިން ބުނެފައިވަނީ އެޗްޕީއޭއިން މިއަދުކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި މިކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއްގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަންދީގެން ކަމަށް ނުވާތީ، އެބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް މިހާރު އަންގާފައިވާކަމަށެވެ.
ކޯވިޑާ ގުޅިގެން ނައިޓް މާކެޓްތައް ނުބާއްވާތާ ދޮޅު އަހަރެއްހާ ދުވަހަށްފަހު، ދާދިފަހުން ވަނީ ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ދެ ނައިޓް މާކެޓަކާއި ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައާއި ރަސްފަންނު ސަރަޙައްދުގައިވެސްވަނީ ނައިޓް މާކެޓެއް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް