އޭޑީކޭ ވާނީ އަބަދުވެސް އެ އިރެއްގެ އެންމެ ޒަމާނީ ޚިދުމަތަކަށް ފައްތާ ހޮސްޕިޓަލަކަށް ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޗެއަރމަން އަދި ސީއީއޯ އަޙުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި "ދުވާހިތުން ޗެރިޓީ ރަން" ގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ވަނީ އެމަނިކުފާނު ވަރަށްގިނައިން އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގަންނަވާ ކަމަށާއި އެފަދަ ވަގުތުތަކުގައި އަބަދު ވެސް ފެންނަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޮސްޕިޓަލަށް ގެނައުމުގައި އަވަދިނެތި ނާޝިދާއި އަފްޢާލް، އުޅުއްވާތަން ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމޭނީ ކޮން ދުވަހަކުންތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.
އެ ސުވާލުގެ ޖަވާބުގައި ނާޝިދު ވިދާޅުވީ މި ހޮސްޕިޓަލް ހަދައެއް ނުނިމޭނެ ކަމަށާއި ބުރުމާގެ ތޮރުފުމުގެ އަޑެއް ވެސް ނުކެނޑޭނެ ކަމަށެވެ. އަދި އެއީ ނިމެން އޮތް ކަމެއް ނޫން ކަމަށާއި ހޮސްޕިޓަލްގެ މިސްރާބަކީ އަބަދު ވެސް އިނޮވޭޓިވް އީޖާދީ ޚިދުމަތްތައް ކަމަށް ވެސް ނާޝިދު ވަނީ ވިދާޅުވެފައެވެ.
"ރާއްޖޭގައި އެންމެ ފުރަތަމަ ފެށި އެމްއާރްއައި ހެދުމަށް 45 މިނެޓް ނުގުޑި އޮންނަންޖެހޭ. މިއީ ބަލިމީހާއަށް ވަރަށް އުނދަގޫކަމެއް. ދެން އަޅުގަނޑުމެން ބޭނުންކުރަން ފެށީ މީގެ 5 އަހަރު ކުރިން 1.5 ޓެސްލާ. އެއީ 15 މިނެޓުން ހެދޭ މެޝިނެއް. އެއީ ވެސް ބަލިމީހާއަށް ވަރަށް ދަތިކަމެއް ތަހައްމަލް ކުރަންޖެހޭނެ ވަގުތުތަކެއް." ނާޝިދު ވިދާޅުވިއެވެ.
ނާޝިދު އިތުރަށް ވިދާޅުވީ އެމްއާރްއައިި ހެދުމަށް ބަލިމީހާއަށް ވީހާވެސް މަދުން ވަގުތު ހޭދަކުރެވޭނެ އެންމެފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން 3 ޓެސްލާ އެމްއާރްއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.
މި ޚިދުމަތް ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ޤާއިމުކުރެވޭނެ ކަމަށާއި އޭރުން މިހާރު ހަދާ ޓެސްޓުގެ ވިހި އިންސައްތަ އިތުރުކުރެވި، މެޝިނުގައި ޓެސްޓު ހަދަން އޮންނަން ޖެހޭނީ 5މިނެޓު ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް