މީރާގެ މިއަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން ޝާއިއުކޮށްފި

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2022 ވަނަ އަހަރުގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ. މި އަހަރުގެ ޕްލޭންގައި، ޓެކްސް ދައްކާ ފަރާ...

07 Jan 2022 | 11:45

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2022 ވަނަ އަހަރުގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.

މި އަހަރުގެ ޕްލޭންގައި، ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި، 2022 ވަނަ އަހަރަށް މީރާއިން ކުރަން ރާވައިފައިވާ މައިގަނޑު ފަސް ކަމެއް ވަނީ ހިމަނައިފައެވެ.

މިގޮތުން، މި ޕްލޭންގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ޓެކުހުގެ މައުލޫމާތުތަކަށް ހޭލުންތެރިކުރުވުން، ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުވުން، ކުދި ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމަށް އެހީތެރިވެދިނުން، ބޮޑު އަދި މެދު ފަންތީގެ ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާކަން ޔަގީންކުރުން، އަދި ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހިމެނޭކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން މި ފަދަ ޕްލޭނެއް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. މި ޕްލޭންގެ ދަށުން 2021 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސްއަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދިނުމުގެ އިތުރުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓައިލައިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެހެންނަމަވެސް 2022 ވަނަ އަހަރުގެ ޕްލޭންގައި، ކޮވިޑުގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ކުރިއެރުންތަކަށް ރިއާޔަތްކޮށް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމައިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް