ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފްވުމުގައި އޭޑީކޭ ހޮސްޕިޓަލް ވަނީ ފަޚުރުވެރި މަޤާމެއް ޙާޞިލްކޮށްފަ: ރައީސް ސޯލިހު

ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފްވުމުގައި އޭޑީކޭ ހޮސްޕިޓަލް ވަނީ ވަރަށް ފަޚުރުވެރި މަޤާމެއް ޙާޞިލްކޮށްފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމ...

07 Jan 2022 | 06:22

ޒަމާނީ ޞިއްޙީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފްވުމުގައި އޭޑީކޭ ހޮސްޕިޓަލް ވަނީ ވަރަށް ފަޚުރުވެރި މަޤާމެއް ޙާޞިލްކޮށްފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނި މިހެން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި "ދުވާހިތުން" ޗެރިޓީ ރަން ގެ ނިމުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެމް.އާރް.އައި.ގެ ޚިދުމަތާއި، ސީ.ޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށްޓީ އޭ.ޑީ.ކޭ.އިން. ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން. ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީ ހަމަ މި އޭ.ޑީ.ކޭ.ގައި." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، އީޖާދީ ފިކުރުތައް، އޭ.ޑީކޭގައި ތަޢާރުފް ކުރެއްވުމަށް ނާޝިދު ބޭނުންފުޅުވާ މިންވަރު ވެސް ވަރަށް ބޮޑަށް ހާމަވާ ކަމަށެވެ. އެގޮތުން އެމަނިކުފާނަކީ ވަރަށް ގިނައިން ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެއިން ކޮންމެފަހަރަކު ވެސް އެތަނަށް އަންނަމުންދާ ބަދަލުތަކުގެ ނަތީޖާ ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

" އަބަދުވެސް އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހޮސްޕިޓަލަށް ގެނައުމުގައި އަވަދިނެތި ނާޝިދާއި އަފްޢާލް، މިބޭފުޅުން އުޅުއްވާނީ. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ވެއްޖިއްޔާ، މިހާރު ތައްޔާރުވަމުންދަނީ ވަރަށް އަވަހަށް އިތުރު ޚިދުމަތްތައް ފެށުމަށް. މި ހޮސްޕިޓަލުން ތައްޔާރުވަމުންދަނީ، ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރުފް ކުރަން. މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް. އަދި އޭގެއިތުރުން، އެންމެފަހުގެ އެމް.އާރް.އައި.ގެ ޚިދުމަތްވެސް މި ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް އަޅުގަނޑަށް ވަނީ އެނގިފައި." ރައީސް ސޯލިހު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް