ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހަދާ ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކުރަން ޖެހޭ - ކަޕެއްލޯ

މިވަގުތު ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިފަތުމަށް ހުރީހާ ފުޓްބޯޅަ ކުޅުންތެރިން ވެސް ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި ވެކްސިން ޖަހަން ދެކޮޅު ހަދާ ކުޅ...

07 Jan 2022 | 05:14

މިވަގުތު ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިފަތުމަށް ހުރީހާ ފުޓްބޯޅަ ކުޅުންތެރިން ވެސް ވެކްސިން ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި ވެކްސިން ޖަހަން ދެކޮޅު ހަދާ ކުޅުންތެރިންނަށް އެމީހުންގެ މުސާރައިން ބައެއް އުނިކުރަން ޖެހޭ ކަމަށް އިޓަލީގެ މަޝްޙޫރު ފުޓްބޯޅަ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފިއެވެ.

މިރޯ ފުޓްބޯޅަ އަށް ދިން ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުން ކަޕެއްލޯ ބުނީ ފަހަކަށް އައިސް ކޮވިޑްގެ ބަލިމަޑުކަމާއި ހެދި ދުނިޔޭގެ ފުޓްބޯޅަ އަށް ހުއްޓުން އަރަމުން އަންނަ ކަމަށާއި އެކަމަށް ހުރިހާ ކުޅުންތެރިންނާއި ކުލަބުތަކުގެ މެނޭޖުމަންޓުން ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. ޚާއްޞަކޮށް އިނގިރޭސި ވިލާތުގެ ކޮވިޑް ހާލަތަށް ފޯކަސް ކުރަމުން ކަޕެއްލޯ ބުނީ އިނގިރޭސި ފުޓްބޯޅަ މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ދުވަހެއް ދުވަހަކަށް ކޮވިޑް-19 އަށް ފައްސިވަމުން އަންނަ ކުޅުންތެރިންނާއި ކޯޗުންގެ ނިސްބަތް އިތުރުވަމުން އަންނަ ކަމަށެވެ.

އެހެން ކަމުން މިއީ ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ އަދި ސަމާލުވާން ޖެހޭ ކަމެއް ކަމަށާއި ހުރިހާ ކުލަބެއްގެ ކުޅުންތެރިންނާއި ކުލަބުގެ ކޯޗުންނާއި އެހެން ސްޓާފުން ވެސް ކޮވިޑް ވެސްކިން ފުރިހަމަ ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ކަޕެއްލޯ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ކަޕެއްލޯ ބުނީ ކޮންމެ ގައުމެއްގައި މިހާރު އޮންނަނީ ކޮވިޑް-19 އާއި ގުޅިގެން ޙާއްޞަ އުސޫލުތަކަކާއި ޤަވާއިދުތަކެއް ހަދާފައި ކަމަށާއި އެ ޤަވާއިދުގައި ވާ ގޮތުގެ މަތިން އެއްވެސް މީހަކު އިސްތިސްނާ ނުވާނޭހެން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަން ޖެހޭނޭކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިންނާއި ކޯޗުން މިކަމަށް ވިސްނަން ޖެހޭ ކަމަށާއި ވެކްސިންގެ ޑޯސް ތައް ފުރިހަމަ ނުކުރާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް އެމީހުންގެ މުސާރައިން ބައެއް އުނިކުރަން ޖެހޭ ކަމަށް ވެސް ކަޕެއްލޯ ބުންޏެވެ.

" މިފަދަ ނާޒުކު ދަނޑުވަޅެއްގައި ކުލަބުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ތިބެން ޖެހޭނީ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކޮށްގެން. އެއީ ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމެއް. ވެކްސިންގެ ޑޯސްތައް ފުރުހަމަ ނުކުރާ ނުވަތަ އެކަމަށް ދެކޮޅުހަދާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މުދާރައިން ބައެއް އުނިކުރަން ޖެހޭ." ކަޕެއްލޯ ބުންޏެވެ.

ކޮވިޑް-19 ގެެ ހާލަތު މިވަގުތު އެންމެ ގޯސްކަމަށް ތަފާސް ހިސާބުތަކުން ސައްކަނީ ޔޫރަޕްގެ ގައުމުތަކުގައެވެ. އެގޮތުން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ ޔޫރަޕްގެ އެއް ގައުމަކީ އިނގިރޭސި ވިލާތެވެ. ކޮވިޑްގެ ހާލަތު އިނގިރޭސި ވިލާތުގައި ގޯސްވެ އެގައުމުގެ ފުޓްބޯޅަ ލީގުތަކުގެ ކުޅުން މަޑުޖެހެމުން އަންނައިރު، އިނގިރޭސި ކުލަބުތަކުގައި ކުޅޭ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ކޯޗުން ވެސް އަންނަނީ ކޮވިޑް-19 އަށް ފައިސިވަމުންނެވެ. އެގޮތުން މިހާރުވެސް އެގައުމުގެ ފުޓްބޯޅަ ލީގުތަކުގެ ގިނަ އަދަދެއްގެ މެޗުތައް ނުކުޅެވި ވަނީ ފަސްކުރަން ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް